ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވިއިރު ވާދަވެރި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ގްރޫޕް އެޗްގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑް ރޭ އެއްވަރުވީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ވެލެންސިޔާއާ ބައްދަލުކޮށް ލަނޑެއް ނުޖެހިއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި ހަތަރު ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ވެލެންސިޔާ އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ޔަންގް ބޯއީސްއެވެ.

ޔުނައިޓެޑާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންކުރެ ޓީމަކަށް ލިބިފައިނުވާއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޕޮގްބާ ފޮނުވާލި ހިލޭޖެހުމަކާއި ލުކާކޫ ފޮނުވާލި ހަމަލާއެއް ވެލެންސިޔާގެ ކީޕަރު ނެޓޯ ދިފާއުކުރިއިރު ރަޝްފޯޑް ފޮނުވާލި ހިލޭޖެހުމެއް ވަނީ ވެލެންސިޔާގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ. މީގެއިތުރުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލުކާކޫ އަށް ފުދޭވަރަކަށް ހުސް ފުރުސަތެއް ލިބުނުއިރު އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ރޭގެ މެޗާއެކު އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.

ގްރޫޕް ސްޓޭޖުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ، މި ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށްވާ ޔުވެންޓަސްއާއެވެ.

ގްރޫޕް އެފްގައި ހިމެނޭ މެންޗެސްޓަރ ސިޓީ ރޭ މޮޅުވީ ރަށުން ބޭރުގައި ކުޅެ ޖަރުމަނުގެ ހޮފެންހެއިމްއާ ބައްދަލުކޮށް 2-1 އިންނެވެ.

އަގުއެރޯ ގޯލަށްފަހު އުފާފާޅުކުރަނީ

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ހޮފެންހެއިމް އިން ކަމަށްވާއިރު މި ގޯލު މެޗުގެ 43 ވަނަ ސިކުންތުގައި ކާމިޔާބުކޮށްދިނީ ބެލްފޮޑިލްއެވެ. ނަމަވެސް މެޗުގެ ހަތްވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ހޮފެންހެއިމް އިން ފުދޭވަރަކަށް ޑިފެންސިވް ގޮތަކަށް ކުޅުނުއިރު މެޗުގެ 87 ވަނަ މިނެޓްގައި ޑޭވިޑް ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން މުހިއްމު ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ސިޓީ މިހާރު އޮތީ ގްރޫޕް އެފްގެ ދެވަނައިގައި ތިން ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ލިޔޯން އޮތްއިރު ގްރޫޕްގެ ތިންވަނައިގައި ދެ ޕޮއިންޓާ އެކު އޮތީ ޝަހްތަރު ޑޮނެޓްސްކްއެވެ. އަދި ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ހޮފެންހެއިމްއެވެ.

ގްރޫޕް ސްޓޭޖުގައި ސިޓީ ދެން ބައްދަލުކުރާނީ ޝަހްތަރު ޑޮނެޓްސްކާއެވެ.