ޗެމްޕިއަންސް ލީގުގައި ރޭ ސްވިޒަލޭންޑްގެ ޔަންގް ބޯއީސްގެ މައްޗަށް 3-0 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުވެންޓަސް މިހާރު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ވެލެންސިޔާއެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ޔަންގް ބޯއީސްއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. ރޮނާލްޑޯ މި މެޗަށް ސަސްޕެންޑްވީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެލެންސިޔާގެ މައްޗަށް 2-0 އިން ޔުވެންޓަސް އިން ކުރި ހޯދި މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެންނެވެ.

ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި ޑިބާލާ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ގޯލްޖަހާނެ އިތުރު ފުރުސަތެއް ޑިބާލާ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 69 ވަނަ މިނެޓްގައި އާޖެންޓީނާ އަށް އުފަން ޑިބާލާ ވަނީ ޔުވެންޓަސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި ހެޓްރިކާ އެކު ޑިބާލާ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ޔުވެންޓަސްގެ ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މި ސީޒަނުގައި ޔުވެންޓަސް އަދި މެޗަކުން ބަލިވެފައި ނުވާއިރު ގްރޫޕް ސްޓޭޖުގައި އެޓީމު ދެން ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެރެއެވެ.