ނާއިޒް ހަސަން (ދާދު)ގެ ހެޓްރިކާއެކު ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ދާދު ހެޓްރިކް ހަދާފައިވާ އިރު، މެޗުގައި ޖެހި ފަސް ގޯލްގެ ތެރެއިން ހަތަރު ގޯލް ފެނުނީ ފަހު ހާފްގައެވެ.

މިއަދުގެ މެޗުން މޮޅުވި މާޒިޔާއަށް ހަ މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ވަނީ ޕޮއިންޓްގެ ގޮތުން ގްރީންނާ ހަމަހަމަކޮށް، ފައިދާ ގޯލްގެ ތަފާތުން ހަތަރު ވަނަ މަގާމަށް ޖެހިލައިފައެވެ. ތިންވަނައިގައި އީގަލްސް އޮތީ 11 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބު އޮތް އިރު، ދެވަނަގައި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ގްރީންއާއި މާޒިޔާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

މިއަދުގެ މެޗުގެ ކުރީކޮޅުގައި ގްރީންއިން ކުރިއަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކުރިއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ހަމަލާވެސް ތަނަވަސް ކުރިއެވެ. ރޮލެންޑް ރަސެލްއަށް ލިބުނު އެ ފުރުސަތުގައި އޭނާ ކުރިއަށް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މާޒިޔާގެ ގޯލް ބަލަހައްޓަމުންދިޔަ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފެވެ.

ގްރީންގެ ފުރުސަތަށްފަހު، 15 ވަނަ މިނެޓުގައި މާޒިޔާއިން އެ ޓީމުގެ ފުރަތަމަ ފުރުސަތު ފަހިކުރިއެވެ. އެ ފުރުސަތުގައި މާޒިޔާއިން ލީޑުވެސް ނެގިއެވެ. ކޯނެލިއަސް ސްޓެވާޓް ދިން ތުރޫ ބޯޅައަށް އޭރިއާ ތެރެއަށްވަދެ، ގްރީންގެ ޑިފެންޑަރު އަލީ ސަމްދޫހު ނައްޓާލުމަށްފަހު ދާދު ފޮނުވާލި ބާރު ހަމަލާ ގޯލަށްވަނީ ގްރީންގެ ގޯލްކީޕަރު އިބްރާހީމް ލަބާންގެ އަތުގައި ޖެހިފައެވެ.

އޭގެ ފަހުން މާޒިޔާއިން ކުޅުން ރަނގަޅުކުރިއެވެ. އަދި 33 ވަނަ މިނެޓުގައި އަނެއްކާވެސް ގްރީންގެ އޭރިއާ ތެރެއަށް ނުރައްކާކުރިއެވެ. އެ ފަހަރު އަސަދުﷲ އަބްދުﷲއަށް ލިބުނު ބޯޅަ، އޭނާ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ގްރީންއިން ވަރަށް ބޮޑަށް އެޓޭކް ކުރިއެވެ. ހާއްސަކޮށް ހާފް ނިމެން ދަނިކޮށް، އެޓީމަށް ލިބުނު ކޯނަރަކުން މުހައްމަދު ސާއިފަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ގޯލްކީޕަރު ހުސައިނެވެ.

މާޒިޔާއިން ލީޑުގައި އޮވެ ހާފް ނިންމާލި އިރު، ހާފްގެ ފަހު ދެ މިނެޓުގައި އެޓީމުގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ދާދުގެ ހަމަލާއެއްގެ އިތުރުން ޔަސްފާދު ހަބީބު (މުލަކޭ)ގެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ގްރީންއާއި މާޒިޔާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ގްރީނުންނެވެ. 52 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވަޑް އަވީލާ ޖޯސޭ، މާޒިޔާ އޭރިއާ ތެރެއަށްވަދެ ކީޕަރުވެސް ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ، ގޯލްގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ދިފާއުކޮށް ބޭރުކޮށްލީ މޫސާ ޔާމީން (ޔާންބެ)އެވެ. އެ ހަމަލާ ގޯލަށް ނުވަން ނަމަވެސް، ހަމަލާގައި ލިބުނު ކޯނަރުން ގްރީން ނަތީޖާ ހަމަހަމަ ކުރިއެވެ. އަވީލާ ނަގައިދިން ކޯނަރު، ފާ ޕޯސްޓްގައި ހުސްކޮށް އޮވެ ގޯލަށް ވައްދާލީ އާދަމް އިމްރާނެވެ.

ގްރީނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު މެޗުގެ އޮއެވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. ހާއްސަކޮށް 56 ވަނަ މިނެޓުގައި ގްރީންގެ އޭރިއާ ތެރެއިން ޑިފެންޑަރަކު އަތުގައި ބޯޅައިން ޖެހުނު ކަމަށްބުނެ މާޒިޔާ ބެންޗުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމުން، ރެފްރީ ވަނީ މާޒިޔާގެ ބެންޗުގައި ހުރި އިސްމާއީލް އީސަ (މެސީ)އަށް ރަތް ކާޑުވެސް ދައްކައިފައެވެ.

އޭގެ އިރުކޮޅެއްފަހުން ގްރީންއަށް ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފަހި ފުރުސަތެއް ލިބިގެން ދިޔައެވެ. އޭރިއާ ތެރެއިން ރޮލެންޑް ފޮނުވާލި ހަމަލާ، ބޭރަށް ޖެހި ހުޝިޔާރު ކަމާއެކު ދިފާއުކުރީ ގޯލްކީޕަރު ހުސައިނެވެ. މެޗުގައި މާޒިޔާއިން އަނބުރާ ލީޑު ނެގީ ލިބުނު ޕެނެލްޓީ އަކުންނެވެ. 67 ވަނަ މިނެޓުގައި، ސަމްދޫހު އަސަދުﷲއަށް ކުރި ފައުަލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްދިނީ ކޯނެލިއަސް ސްޓެވާޓެވެ.

މާޒިޔާއިން ލީޑު ނެގުމަށްފަހު ކުޅުން ރަނގަޅު ކުރިއެވެ. މެޗުގެ ފަހު ކޮޅުގައި އެޓީމުން ވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. އެގޮތުން ކޯނެލިއަސް ޖެހި ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، އަސަދުﷲ ޖެހި ބޯޅަ ބްލޮކްކޮށް ބޭރުކޮށްލީ ޑިފެންޑަރެވެ.

މެޗުގެ 69 ވަނަ މިނެޓުގައި އޭރިއާ ބޭރުން ދާދު ޖެހި ހިލޭ ޖެހުން ގޯލް ދަނޑިއަށް އަމާޒުވެފައިވާ އިރު، އެ ބޯޅަ ގްރީންގެ ޑިފެންޑަރު ސާފް ކޮށްލުމުން ލިބުނު ކޯނަރުން މާޒިޔާ ލީޑު ފުޅާކުރިއެވެ. ކޯނެލިއަސްގެ ކޯނަރު އޭރިއާ ތެރޭގައި ހުރެ ގޯލައް ވައްދާލީ މެޗުގައި މޮޅަށް ކުޅުނު ދާދުއެވެ. ދާދު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗު ފަހު ފަސް މިނެޓު ތެރޭގައެވެ.

ގްރީންއާއި މާޒިޔާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މެޗެއް ކުޅެން އޮތް ނަމަވެސް، ވިކްޓަރީން ވަނީ މެޗު ދޫކޮށްލިކަން އަންގާފައެވެ. ވިކްޓަރީ މެޗު ދޫކޮށްލުމުން ޓީސީއަށް މެޗު ލިބޭނެއެވެ.