ކަޓަމަރާންޏެއްގައި ދިވެހިރާއްޖެ ވަށައި ބުރެއްޖަހާ ރެކޯޑެއް ޤާއިމުކޮށްފައިވާ އަބްދުލްޣަފޫރު އަލީ (ގައްބެ) ގެ ތާރީހާ ދަތުރަށް 2018 މާރޗް 8 ވީ ބުރާސްފަތި ދުވަހު ދެ އަހަރު ފުރުނުއިރު، އެ ތާރީހީ ދަތުރުގެ ހަނދާންތައް އާކުރުމުގެ ގޮތުން އަނެއްކާވެސް ގައްބެ ކުރު ދަތުރެއް ކޮށްފިއެވެ.

304 ގަޑިއިރު ކަނޑުމަތީގައި ހޭދަކޮށް، 38 ދުވަހުގެ ތެރޭގައި 40 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށް ރާއްޖެ ވަށާ ގައްބެ ކުރި ޗެލެންޖިންގ ދަތުރު ނިންމާލާފައިވަނީ، 2016 މާރޗް 8 ވަނަ ދުވަހުއެވެ. އެ ދަތުރަށް ދެއަހަރު ފުރުން ފާހަގަކުރުމަށް ގައްބެ މިފަހަރު ދަތުރު ކޮށްފައިވަނީ ބ އަތޮޅު ދަރަވަންދޫއިން ކ.ގުރައިދޫއަށެވެ.

35 ގަޑިއިރަށް ދެމިގެންދިޔަ މިފަހަރުގެ ހަނދާނީ ދަތުރުގައި ގައްބެ މަޑުކޮފައިވަނީ، ކ.ގާފަރާއި ރީތި ރަށަށް އަދި ހުވަފެންފުއްޓަށެވެ. ހުކުރު ވަގުތު ހުކުރު ކުރުމަށް ހުވަފެންފުއްޓަށް ކައިރި ކުރިއިރު، މި ދަތުރުގައި މާލެއަށްވެސް ގައްބެ ކައިރި ކޮށްފައިވެއެވެ. 08 މާރޗް 2018 ވަނަ ދުވަހު ހެނދުނު 09:00 ގައި ބ.ދަރަވަންދޫއިން ފެށި މި ދަތުރު ކ.ގުރައިދޫއަށް ގައްބެ ނިންމާލާފައިވަނީ ހުކުރު ދުވަހުގެރޭ 08:30 ހާއިރުއެވެ.

މި ދަތުރަށްފަހު "ވަގުތަށް" ގައްބެ ވިދާޅުވީ، މި ދަތުރާއެކު ރާއްޖެ ވަށާ ކުރި ދަތުރުގެ ހަނދާންތައް އާވެއްޖެ ކަމަށާއި، ދަތުރުގެ ބައިވެރިންގެ ހަނދާންތައް އާވެ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށެވެ.

މި ކުރު އަދި ހާއްޞަ ދަތުރުގައި ގާފަރަށް ކައިރި ކުރުމުން ގާފަރުގެ ކުޑަކުދިން ކަޓަމަރާނި ދުއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅު ކުރި ކަމަށް ގައްބެ ބުންޏެވެ.

ހަނދާނީ ދަތުރުގެ ހަނދާން އާކުރުމަށް ގައްބެ ކުރި ދަތުރުގެ ތެރެއިން – ފޮޓޯ: ގައްބެ (ފޭސްބުކް ޕޭޖް)

" ގާފަރަށް ކައިރި ކުރުމުން ގާފަރުގެ ކުޑަކުދިން މިކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅު ކުރެއްވި، އެކުދިން އެހުރި ޝައުގުވެރިކަމާ އެކުދިންގެ ލޮލުން ބުނާކަހަލަ ގައްބެ ބަލަން ހުންނަށްޗޭ ގައްބެއަށްތުރެ މޮޅަށް މިކަން ކުރާނަމޭ" ގައްބެ ބުންޏެވެ.

ކަޓަމަރާނި ދުއްވަން ޝައުގުވެރިވާ ޒުވާނުންނަށް މިކަން ދަސްކުރުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށާއި، ގާފަރުގެ ތުއްތު ކުދިން ގޮވައިގެން ކަޓަމަރާނި ދުއްވާލަން ދިއުމުގެ ފުރުޞަތު ލިބުނު ނަމަ އެކަންވެސް ކުރާނެ ކަމަށް ގައްބެ ބުންޏެވެ.

ކަޓަމަރާނީގައި މިފަހަރު ގައްބެ ކުރި ދަތުރު ފަށާފައިވަނީ އަންހެނުންގެ ދުވަހު ކަމަށާއި ކޮންމެ ކަމެއްގެ ފަހަތުގައިވެސް އެ ކަމަކަށް ހިތްވަރު ދޭނެ އަންހެނުން ތިބޭނެކަން ގައްބެވެސް ފާހަގަކުރިއެވެ.

ގައްބެގެ މި ދަތުރުގައި ބ.ދަރަވަންދޫއިން ކ.ގުރައިދޫއަށް ގެނެސްފައިވާ ކަޓަމަރާންޏަކީ "މަޅު ސާފް ސްކޫލް" ގައި ކިޔަވައިދިނުމަށް ގެނެވުނު ކުޑަ ކަޓަމަރާންޏެކެވެ.