ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ ދެ ލަނޑާ އެކު 4-2 އިން ޓޮޓެންހަމްގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ބާސާ އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ހިމެނޭ ޓޮޓެންހަމް އާއި ޕީއެސްވީ އަށް ދެ މެޗުން ވެސް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.

ޓޮޓެންހަމްގެ ހޯމް މެޗުތައް ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ބާސާ އިން ވަނީ ލީޑު ނަގާފައެވެ. އަލްބާ ދިން ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އަދި މެޗުގެ 28 ވަނަ މިނެޓްގައި އިވާން ރަކިޓިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. ރަކިޓިޗް މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ގޯލާ 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ބާސާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ މެސީ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މި ދެ ފުރުސަތުގެ ބޭނުން ބާސާ އަށް ނުހިފުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް ޓޮޓެންހަމް އިން މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން މެސީ ވަނީ ބާސާގެ ލީޑު އަނެއްކާވެސް ފުޅާކޮށްދީފައެވެ. މެޗުގެ 66 ވަނަ މިނެޓްގައި އެރިކް ލަމޭލާ ކާމިޔާބުކުރި ގޯލާއެކު ޓޮޓެންހަމް އަށް އުއްމީދެއް ލިބުނުއިރު މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރުމަށް އެޓީމުން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ޓޮޓެންހަމް އިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެސީ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 5 އަށް އަރާފައެވެ.

ގްރޫޕްގައި ކުޅުނު ދެވަނަ މެޗުން ވެސް ބާސާ މޮޅުވިއިރު، ގްރޫޕްގައި އެޓީމު ދެން ބައްދަލުކުރާނީ އިންޓަ މިލާނާއެވެ. އިންޓަ މިލާން ރޭ ވަނީ ޕީއެސްވީއާ ބައްދަލުކުރި މެޗު ފަހަތުން އަރާ 2-1 އިން ކާމިޔާބުކޮށްފައެވެ.