ރާއްޖޭގެ ކްލަބުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އަންނަ ސީޒަނުން ފެށިގެން އެފްއޭއެމްއިން ކަނޑައެޅުމަށް ނިންމައިފިއެވެ.

މިއަދު އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގިނަ ކްލަބުތަކަކުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތަކާއި، މެޗުތަކަށް ހާޒިރުނުވުމުގެ މައްސަލަތައްވެސް އެފްއޭއެމްއާ ހަމައަށް ގޮސްފައިވާތީ އެކަމަށް އުސޫލުތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްއިން ކްލަބުތައް ހިންގުން ހަރުދަނާ ކުރުމަށް ގިނަ ބަދަލުތަކެއް ގެންނަން ވިސްނާފައިވާ އިރު، އަންނަ ސީޒަނުން ފެށިގެން ކްލަބުތަކަށް މަޖުބޫރުކުރުވާ ގިނަ ކަންތައްތަކެއް ހިމެނޭނެއެވެ. އަދި އެ ބަދަލުތައް ގެންނަން ނިންމީ ކްލަބުތަކާވެސް މަޝްވަރާ ކޮށްގެން، ކްލަބުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭ ގޮތަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

" ކުރިއަށް އޮތް ތަނުގައި ކުޅުންތެރިންގެ މުސާރަ ދެން ކަނޑައަޅާނީ އެފްއޭއެމްއިން. ކުޅުންތެރިންނަށް މުސާރަ ދޭނެ ރޭންޖުތަކެއް މިހާރު އެފްއޭއެމްއިން ވާނީ ކަނޑައަޅާފަ. އޭގެ ތެރެއިން ކުޅުންތެރިންގެ ކްރައިޓީރިއާތަކެއް ބަލާނަން. ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެއްތޯ، ނިމިނު ސީޒަންގައި ކިހާ ވަގުތެއްގައި ކުޅުނު ކުޅުންތެރިއެއްތޯ. އަދި ސޯޝިއަލް ބިހޭވިއާއަށް ބަލާނަން. އެގޮތުން ބޭރު ތެރޭގައި އުޅޭ އުޅުމާ، މި ހުރިހާ ކަމަކަށް ބަލާފަ ކުޅުންތެރިން ކެޓަގަރައިޒް ކުރާނީ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މުސާރައިގެ ހުރިހާ ތަފްސީލެއް ކްލަބުތަކާ ހިއްސާ ކުރެވޭނެ ކަމަށާއި، މިވަގުތު އެފްއޭއެމްއިން ކަނޑައަޅާފައިވާ ގޮތުން، ކުޅުންތެރިއެއްގެ އެންމެ މަތީ މުސާރައަކީ އަހަރެއްގެ ތެރޭގައި ގާތް ގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ކަމަށެވެ.

" އަޅުގަނޑުމެން ކްލަބުތަކާ މަޝްވަރާވެސް ކުރެވިގެން، މިހާރު ވިސްނާފައި އޮތް ގޮތުގައި ކުޅުންތެރިޔަކަށް އަހަރެއްގެ މައްޗަށް ޖެހޭނެ އެންމެ މަތީ މުސާރައަކީ ގާތް ގަނޑަކަށް ހަތަރު ލައްކަ ރުފިޔާ. ޖުމްލަކޮށް މަހަކަށް ބަލއިފިއްޔާ އެއީ 40 ވަރަކަށް ހާސް ރުފިޔާ. ޖުމްލަކޮށް މި ބަދަލުތައް ގެންނަން މި ވިސްނީ ގިނަ ފަހަރު، ހާއްސަކޮށް މި އަހަރު ތެރޭގައި ވަރަށް ބޮޑެތި މުސާރައަށް ކުޅުންތެރިން ކްލަބުތަކަށް ސޮއިކޮށްފައި އެބަހުރި. އެކަމަކު ހަމަ ހަ މަސް ތެރޭގައި ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ބާތިލު ކުރަން ޖެހިފައިވެސް އެބަހުރި. އަޅުގަނޑުމެން ބޭނުމެއް ނޫން އެގޮތަށް ވާކަށް. ކްލަބުތަކަށްވެސް ނުވާވަރުގެ ކޮންޓްރެކްޓްތަކުގައި ސޮއިކޮށްގެން، ކުޅުންތެރިންނަށްވެސް ނުލިބޭ ވަރުގެ މުސާރަތަކަށް ސޮއިކޮށްގެން އުޅޭތަން ދެކޭކަށް ބޭނުމެއް ނޫން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ސީޒަންގައި ހުރިހާ ކްލަބުތަކެއްގެވެސް، ކުޅުންތެރިންނާއެކު ހެދޭ ކޮންޓްރެކްޓަކީ އެފްއޭއެމްގެ މިންގަޑަށް ފެތޭ ކޮންޓްރެކްޓްތަކަކަށް ވާން ޖެހޭނެ ކަމަށާއި، ހުރިހާ ކޮންޓްރެކްޓެއްވެސް އެފްއޭއެމްގައި ރަޖިސްޓްރީ ކުރަން މަޖުބޫރުވާނެ ކަމަށެވެ. އަދި 23 އަހަރުން މަތީގެ ކުޅުންތެރިއެއް ނަމަ، އެންމެ މަދުވެގެންވެސް ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކްލަބާއެކު ސޮއިކުރަން ޖެހޭނެ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

ބައްސާމް ވިދާޅުވީ އެ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ކްލަބު ބަދަލުކުރާނަމަ، ދެން ދެ ކްލަބުގެ ދޭތެރޭގައި އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށެވެ. އަދި ކޮންޓްރެކްޓްގައި ހިމެނޭ މާއްދާތަކެއްގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ބާރުތަކެއްވެސް ލިބިގެންދާނެ ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

އެގޮތުން ޖެހިޖެހިގެން ދެ މަހު މުސާރު ނުދީފި ނަމަ، ކޮންޓްރެކްޓް ބާތިލު ކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި ކްލަބުތައް ހިންގުން ހަރުދަނާ ކޮށް، ބަޖެޓުގެ ކަންކަން އެންމެ ހަރުދަނާ އުސޫލަކުން ގެންދިއުމަށް، އޭއެފްސީވެސް މެދުވެރިވެގެން ފައިނޭންޝިއަލް ރެގިއުލޭޝަންތަކެއް އަންނަ ސީޒަނަށް ތައްޔާރުކުރެވެމުންދާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަޑުމެން ބޭނުމެއް ނުވޭ ކުޅުންތެރިން ހާލުގައި ޖެހޭކަށް، ކްލަބުތަކަށް ދަތިވާކަށް، އެހެންވީމަ ދެކޮޅަށްވެސް ފައިދާވާ ގޮތަކަށް އޮންނަ ކޮންޓްރެކްޓެއް ފިޔަވާ އިތުރު ކޮންޓްރެކްޓްތަކެއް އެފްއޭއެމްގައި ރަޖިސްޓްރީއެއް ނުކުރެވޭނެ. ފައިނޭންޝިއަލް ރެގިއުލޭޝަންތަކެއްވެސް އޭއެފްސީއާ އެކީގައި މިހާރު ތައްޔާރުކުރެވެމުން މިދަނީ. އޭގެ ބޭނުމަކަށް މިވަނީ އެންމެ ބޮޑު ބަޖެޓަކަށް ވަނީ ކިހާވަރެއްތޯ ބަލާ. އެ ހުރިހާ ކަމެއް ކަނޑައެޅުން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑެތި ކްލަބުތައްވެސް ހިނގަމުންދަނީ އެންމެ ހަރުދަނާ އުސޫލުތަކުން ނޫންކަމަށާއި، އެއީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ މީގެ ކުރިން 2005 ވަނަ އަހަރުވެސް އެފްއޭއެމްއިން ސެލެރީ ކެޕްއެއް ގެންނަން މަސައްކަތް ކޮށް، އެކަން އެންމެ ކާމިޔާބުނުވީ ކުޅުންތެރިންނާ ކްލަބުތަކުގެ މެދުގައި އެފްއޭއެމްއަށް ނޭނގި ކޮންޓްރެކްޓްތަކެއް ހެދި، މުސާރައިގެ ބޭރުން އެލަވެންސްތަކެއް ދޭން ފެށުމުން ކަމަށެވެ. އަދި މި ފަހަރު މި ގެންނަ ބަދަލުތަކަށް ކްލަބުތަކާއި ކުޅުންތެރިންވެސް ޕްރޮފެޝަނަލް ވާން އެދޭ ކަމަށާއި، އެ އުސޫލުތަކުން ބޭރުން އެއްވެސް ކަމެއް ހިނގާނަމަ އެކަމަށް ހަރުކަށި އަދަބު ދެވޭނެކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

އެގޮތުން ފީފާއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކްލަބުތަކާއި ކުޅުންތެރިން ޖޫރިމަނާ ކުރުމާ، ކްލަބުތަކަށް ޕޮއިންޓް އުނިކުރުމުގެ އަދަބުތައްވެސް ދެވޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްއިން މިއަދު ބޭއްވި ޕްރެސްގައި އަންނަ ސީޒަންގެ ލީގަށް ގެނައި ބަދަލުތަކާއެކު، ޓީމުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އޭގެ އިތުރުން ޓުވާޑްސް ފިއުޗާގެ ދަށުން ހިންގަމުންދާ ހަރަކާތްތައް ފުޅާކޮށް، އަތޮޅު ތެރެއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފުޅާކުރުމަށް ރާވާފައިވާ ޕްލޭންވެސް މިއަދު ހިއްސާކޮށްފައިވެއެވެ.