ކުރިއަށް ސީޒަނަށްފަހު 2020 ވަނަ އަހަރުގެ ސީޒަންގައި ދިވެހި ގޯލްކީޕަރުން ރާއްޖޭގެ ލީގުގައި ނުކުޅެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށާއި، އަންނަ އަހަރު ގޯލްކީޕަރުން ތަމްރީން ކުރުމުގެ އެކަޑެމީ ފަށާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މީގެ ކުރިންވެސް އެފްއޭއެމްއިން ރާއްޖޭގެ ލީގުގައި ބޭރު ގޯލްކީޕަރުން ކުޅުވުމުގެ އުސޫލުތަކަށް ބަދަލު ގެންނަން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ނުކުރެވިއެވެ. އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕްގައި ފައިސަލް ދެއްކި މޮޅު ކުޅުމާއެކު ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ދީފިނަމަ، ކުރިއަރާނެކަން ދައްކުވައިދީފި ކަމަށް މިއަދު އެފްއޭއެމްގައި ބޭއްވި ޕްރެސްގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ އަތޮޅު ތެރޭގެ އިތުރުން މާލޭގައިވެސް ހުނަރުވެރި ގޯލްކީޕަރުން އެބަތިބި ކަމަށާއި، އެ ކުޅުންތެރިން ފުޓުބޯޅައިގެ ތެރެއަށް ނެރެ، ހަރުދަނާ ފުރުސަތުތަކެއް ދިނުމަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ގޯލްކީޕަރުން ތަމްރީނު ކުރާނެ އެކަޑެމީއެއް ފެށިގެންދާނެ ކަމަށާއި، އެކަޑެމީގައި އެންމެ އިސްކޮށް މަސައްކަތް ކޮށްދެއްވާނީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނާ މުހައްމަދު އަސްލަމް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"ގޯލްކީޕަރުން ތަމްރީނު ކުރާނެ އެކަޑަމީއެއް ފެށުމަށްޓަކައި މިހާރު ހުރިހާ މަސައްކަތެއް ކުރިއަށްމިދަނީ. އަންނަ އަހަރު ތެރޭގައި އެކަން ފެށި، އޭގެ ކުރިއަށް އޮތް ސީޒަންގައި ރާއްޖޭގެ ލީގުގައި ކުޅޭނީ ރާއްޖޭގެ ގޯލްކީޕަރުން ކަމަށް މި ބަލަނީ. އެއީ އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ކީޕަރުން ކުރިއަރުވަން. ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ދީގެން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރަން ރާވާފައިވާނީ،" ބައްސާމް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްގައި ކްލަބުތަކުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ކޯޗިން ސްޓާފުންގެ ފެންވަރު ރަނގަޅު ކުރުމުގެ އުސޫލުތަކެއް ކަނޑައަޅަމުންދާ ކަމަށްވެސް އެފްއޭއެމްއިން ހާމަކޮށްފައިވާ އިރު، ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ސީޒަނުން ފެށިގެން ގޯލްކީޕަރު ޓްރެއިނިންއަށްވެސް ތިބެން ޖެހޭނީ ކޯސް ހަދައި، ލައިސަންސް ލިބިފައި ތިބި ގޯލް ކީޕަރު ޓްރެއިނަރުން ކަމަށެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން އެފްއޭއެމްއިން ވަރަށް އަވަހަށް ގޯލްކީޕަރު ޓްރެއިނަރުންގެ ގޯސްތަކެއް ބާއްވާނެ ކަމަށާއި، އެ ކޯސް ހަދާފައި ތިބޭ ޓްރެއިނަރުން ކްލަބުތަކުގެ ގޯލްކީޕަރު ޓްރެއިނަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ރާއްޖޭ ލީގުގެ ވަރުގަދަ ގިނަ ކްލަބުތަކުގެ ގޯލް ބަލަހައްޓަމުން ދަނީ ބިދޭސީ ގޯލްކީޕަރުންނެވެ. ހާއްސަކޮށް ރާއްޖޭގެ ލީގަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ގޯލްކީޕަރުން ކުޅެމުން އަންނަ ލީގެކެވެ.

އެފްއޭއެމްއިން މިއަދު ބޭއްވި ޕްރެސްގައި އިތުރަށް ފާހަގަކޮށްފައިި ވަނީ އަންނަ ސީޒަނުން ފެށިގެން ޓީމުތައް ރަޖިސްޓްރީ ކޮށްދިނުމުގެ ހާއްސަ އުސޫލުތަކެއް ގެންގުޅޭނެ ކަމަށެވެ. އެގޮތުން ކޮންމެ ޓީމެއްގައިވެސް 23 އަހަރުން ދަށުގެ ފަސް ކުޅުންތެރިންް، އޭގެ ތެރޭގައި ގޯލްކީޕަރެއްވެސް ހިމެނެން ޖެހޭނެ ކަމަށާއި، ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި ތިބެން ޖެހޭނީ އޭ ލައިސަންސް ކޯޗުން ކަމަށްވެސް އެފްއޭއެމްއިން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު ޓީމުތަކުގެ މެޑިކަލް އޮފިސަރުންވެސް އެކަމަށް ހާއްސަ ކޯސް ހަދަން ޖެހޭނެ ކަމަށާއި، އަންނަ އަހަރުން ފެށިގެން ކޯޗުންވެސް ރިފްރެޝްނާ ކޯސްތައް ހެދުމަކީ މަޖުބޫރުކަމެއް ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ. އެފްއޭއެމްއިން މިއަދު ހާމަކޮށްފައި ވަނީ ޓީމުތަކުގެ އުސޫލުތައް ކައިރިން މޮނީޓަރުކޮށް ބަލަން ޖެހުނީ، ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކްލަބުތައްވެސް ހިންގުން ދޯދިޔާވެ، ފުޓުބޯޅައަށް އޭގެ ނޭދެވޭ އަސަރު ކުރަން ފެށުމުން ކަމަށާއި، އެފްއޭއެމްގެ އުސޫލުތަކާ ހިލާފުވާނަމަ، މީގެ ފަހުން ހަރުކަށި އަދަބުތައް ދޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޯލްކީޕަރު

    މުހަމްމަދު އަސްލަމް އެއީ ކޮން ގައުމެއްގެ ނެސިނަލްޓީމް އެއްގެ ގޯލްކީޕަރ ކޯޗެއްބާ