ނިއު ރޭޑިއަންޓްގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)އަށް މުސާރަ ބަރާބަރަށް ލިބެމުން ނުދާތީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅައިފިއެވެ.

އިންމަ "ވަގުތު"އަށް ބުނެފައި ވަނީ މުސާރަ ނުލިބި ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެފްއޭއެމްއަށް މައްސަލަ ހުށަހެޅީ އެއީ މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި މުސާރައިގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އިންމަ ބުންޏެވެ.

އިންމަގެ މުސާރާއިގެ މައްސަލައާ ގުޅިގެން ނިއު ރޭޑިއަންޓް ޖެނެރަލް ސެކްރެޓަރީ ހުސައިން ނިޔާޒް (ޓެޑް) "ވަގުތު"އަށް ބުނީ ޓީމުގެ މާލީ ހާލަތު ހުރިގޮތުން ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ ދެވުމުގެ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މާލީ ހާލަތު ހުރިގޮތުން، ޓީމުގެ ހުރިހާ ކުޅުންތެރިންގެވެސް މުސާރައިގެ ޑިލޭތަކެއް އެބައުޅޭ. އެކަންތައްތައް ވީހާވެސް އަވަހަކާ ހައްލުކުރުމަށް ކްލަބުގެ މެނޭޖުމަންޓް އަދި ޗެއާމަންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ. އިމްރާންގެ ދެ ޕޭމަންޓެއް ޑިލޭ ވެފައި އޮތް. އެކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރާނަން. އިމްރާނަކީ ކްލަބަށ ވަރަށް މުހިއްމު ކުޅުންތެރިން، އެކަމަކު މާލި ހާލަތު ހުރިގޮތުން މިހާރު މުސާރައިގެ ޑިލޭއެއް އައިސްގެން މިއުޅެނީ،" ޓެޑް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ނިއުގެ އޭރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށްވެސް ކްލަބުން މުސާރަ ނުދޭ ކަމަށްބުނެ، އޭނާވެސް ވަނީ އެފްއޭއެމްއަށް މައްސަލަ ހުށައަޅާފައެވެ. އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްއިން ދަނގަޑޭއާ ނިއުއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްދީފައިވާ އިރު، ދަގަނޑޭ ބަދަލުވީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.

ނިއު ރޭޑިއަންޓުން މި ސީޒަނަށް ތައްޔާރުވީ ބޮޑެތި ޓްރާންސްފާ ތަކަކާއެކުގައެވެ. އެގޮތުން އަފްގާން ގައުމީ ޓީމުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީވެސް ޓީމަށް ގެނެސްފައިވާ އިރު، އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ޓީމު ނުދިޔުމުން އެޓީމަށް ފައިސާގެ މައްސަލަތައް ދިމާވާން ފެށިއެވެ. އެގޮތުން އެ މުބާރާތުން ކެޓި ހިސާބުން ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ ޝަކުވާތައް ފެންމަތިވެފައިވާ އިރު، އަމީރީވެސް ކްލަބު ދޫކޮށް ދިޔައީ މުސާރަ ނުދޭ ކަމަށް ބުނެއެވެ.

މާލީ ދަތިތަކާ ހެދި ނިއުއަށް ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އޮސްކާ ބުރުޒޯންވެސް ވަނީ ކްލަބު ދޫކޮށް، ބަންގްލަދޭޝް ލީގުގެ ބަޝުންދުރަ ކިންގްސްއާ ގުޅިފައެވެ. އޮސްކާ ވަނީ ނިއުއަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖޯޖު ގޮޓޯވެސް އެޓީމަށް ގެންގޮސްފައެވެ.

އިންމައަކީ ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި 17 އަހަރު ހޭދަކުރުމަށްފަހު ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރި ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރަކީ އިންމަކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އިންމައަކީ ރާއްޖޭގެ އެއްވަނަ ގޯލްކީޕަރުގެ އިތުރުން އެންމެ ގިނަބައެއްގެ އިހުތިރާމް ލިބިފައިވާ އެއް ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންމެވެސް މީހެއް

    ނިއުގެ ދުވަސް ތިދަނީ.... ދެން ފެންނާނީ އިންމަވެސް ކްލަބް ދޫކޮށް ދިޔަތަން

  2. ބޯގަންވިލާ

    ހުރިހާ ކޫޅިވަރެއް ހަލާކު ވެއްޖެ ، ޒިންމާ ނަގަން ޖެހޭނީ އެސޯސިއޭސަން ގެ ވެރިން ، ދިވެހި ބާސްކެޓް ވެސް ހަލާކު ވެއްޖެ ، ކޮއްފި