ރާއްޖޭގެ އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުދިން ތަމްރީނުކޮށް، ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ހާއްސަ މާސްޓާ ޕްލޭނެއް އެފްއޭއެމްއިން އިއުލާން ކޮށްފިއެވެ.

އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ އިސްވެރިން ބައިވެރިވެލައްވާފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައަށް މިހާރު ދިމާވެގެން އުޅޭ މައްސަލަތަށް ހައްލުކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތަކުގެ އިތުރުން، ކުރިއަށް ވިސްނާފައި ހުރި ބައެއް މަސައްކަތްތައްވެސް ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ގިނަ ކްލަބުތަކަށް މާލީ ދަތިކަން ކުރިމަތިވެފައިވާ އިރު، މުސާރާގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތަކާ ގުޅިގެން އެފްއޭއެމް އިން ބުނެފައި ވަނީ ކުރިއަށް އޮތް އަހަރު ކްލަބުތައް ހިންގާ އުސޫލުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި، އިހުމާލުވާ ކްލަބުތަކަށް ހަރުކަށި ފިޔަވަޅުތައްވެސް އެޅިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް އެފްއޭއެމްއިން ޓުވާޑްސް ފިއުޗާގެ ނަމުގައި މިހާރުވެސް ހާއްސަ ހަރަކާތްތަކެއް ހިންގަމުންދާ އިރު، އެ ޕްރޮގްރާމްގެ ދަށުން 13 އަހަރުން ދަށުގެ އެކަޑެމީތަކުގެ ލީގެއްވެސް ކުރިއަށް ދެއެވެ. އަދި ހުޅުމާލޭގައި ގާއިމް ކުރެވޭ ރަނގަޅު ފެންވަރުގެ އެކަޑެމީއަކީވެސް އޭގެ ދަށުން ކުރިއަށް ގެންދާ އެކަޑެމީއެކެވެ.

އިއްޔެ އެފްއޭއެމްއިން އިއުލާން ކުރި އަތޮޅު ފުޓުބޯޅައަކީވެސް ރާއްޖޭގެ ހުނަރުވެރި ކުދިން ދެނެގަނެ، އެ ކުދިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ކަމަށް އެ އިދާރާގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޣަނީ، ސާންތި ވިދާޅުވިއެވެ. އެފްއޭއެމްއިން ބުނެފައި ވަނީ މިފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެވެސް 98 ޕަސެންޓަކީ އަތޮޅު ތެރޭގެ ކުޅުންތެރިން ކަމަށާއި، ފީފާގެ ޕްރޮޖެކްޓެއްގެ އަތޮޅު ތެރެއަށް ބޮޑު އަމާޒެއް ހިފުމުގެ ސަބަބަކީ އެއީ ކަމަށެވެ.

އަތޮޅު ފުޓުބޯޅަ ރާއްޖެގެ އަށް ޒޯނެއްގައި ކުރިއަށް ގެންދިއުމަށް އެފްއޭއެމްއިން ވިސްނާފައިވާ އިރު، އެ ހުރިހާ މަސައްކަތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައި ވަނީ ފީފާއިންނެވެ. ސާންތި ވިދާޅުވީ އަށް ޒޯނެއްގައި، ކޮންމެ ޒޯނެއްގައިވެސް ހާއްސަ ފުޓުބޯޅަ ޑިވަލޮޕްމަންޓް ސެންޓަރުތަކެއް ގާއިމްކޮށް، ގްރާސް ރޫޓްގެ އިތުރުން، އަންހެން ފުޓުބޯޅަ އަދި ޔޫތު ޑިވަލޮޕްމަންޓާއި ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމަށްވެސް އެ ސެންޓަރުތައް ބޭނުން ކުރާނެ ކަމަށެވެ.

އޭގެ އިތުރުންވެސް އެ ޒޯންތަކުގައި އިންޓަ ސްކޫލް މުބާރާތްތައް ފެންވަރު ރަނގަޅުކޮށްގެން ބޭއްވުމަކީވެސް އެފްއޭއެމްގެ ބޮޑު އަމާޒެއް ކަމަށްވެސް ސާންތި ވަނީ ފާހަގަކުރައްވާފައެވެ. އޭގެ އިތުރުންވެސް ރެކްރިއޭޝަނަލް މުބާރާތްތަކުގައިވެސް އެ ސެންޓަރުތަކުގެ ހިއްސާއެއް އެކުލެވޭ ގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ.

ސާންތިގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ ކޮންމެ ޒޯނަކުންވެސް، އަތޮޅު ފުޓުބޯޅަ ޕްރޮޖެކްޓްގެ ދަށުން މުސާރަ ހިނގާ ހަ ކޯޗަކުން، އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ ފަރާތުން ތަމްރީނު ކުރާނެ ކަމަށެވެ. އޭގެ އިތުރުން މުސްތަގުބަލުގައި ކޮންމެ ޒޯނެއްގައިވެސް ޒޯން ޑެވަލޮޕްމަންޓް އޮފިސަރެއް ނަގައި، އެ ޒޯންތަކުގެ ފުޓުބޯޅަ ތަރައްގީ ކުރުމުގެ ހުރިހާ ކަމެއްވެސް ކުރެވޭނެ ފޯކަލް ޕޮއިންޓަކަށް އެ މީހަކު ވެގެންދާނެ ކަމަށް ސާންތި ފާހަގަކުރެއްވިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ޑިވަލޮޕްމަންޓް ސެންޓަރުތައް އަޅާނެ ރަށްރަށަކީ ، ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭފަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި ފުވައްމުލަކެވެ. އޭގެ އިތުރުންވެސް އައްޑޫގައި މިހާރުވެސް ކުރިއަށް ގެންދާ ޔޫތު ޑިވަލޮޕަންޓް ޕްރޮގްރާމްތައް މިހާރުވެސް ހިނގަމުންދާނެއެވެ.

ސާންތި ވިދާޅުވީ ރަށްރަށުގައި ތަރައްގީ ކުރާ ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުން ތަމްރީނުވެގެން އަންނަ ހުނަރުވެރި ކުދިންނަށް ހުޅުމާލޭ އެކަޑެމީގައި ތަމްރީނުވާނެ ކަމަށާއި، އެ ކުދިންނަށް އެކޮމަޑޭޝަނާއެކު ކެރިއަރު ކުރިއެރުވުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. ސާންތި ވިދާޅުވީ އަތޮޅު ފުޓުބޯޅަ ޕްރޮޖެކްޓަށް މިހާރު ފީފާއިން އެޕުރޫވް ދީފައިވާ ކަމަށާއި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އިއްޔެގެ ޕްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ މިސްރާބު ފުރަތަމަ ދުވަހުން ފެށިގެންވެސް ހުރީ މުސްތަގުބަލަށް ވިސްނުމަށް ކަމަށާއި، ވަގުތީ ކާމިޔާބަކަށްވުރެ ބޮޑަށް، އަބަދުވެސް ވިސްނަނީ ދެމެހެއްޓެނިވި ދުރު ރާސްތާ ޕްލޭންތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޮޅުދޫފުށި

  މިރަށަކު ނެތް ފުޓްބޯޅަ ކުޅޭނެބައެއް. ނޮޅިވަރަންފަރު ނޫނީ ހަނިމާދޫއަށް ތިޕްރޮޖެކްޓްތައް ފޮނުވަ. އަހަރެމެން ބޭނުމީ އެއަރޕޯޓް

 2. އަޙްމަދު

  މިކަމަށް ހައްލެއްނެތް. މިހާރު ތިކަމުގައި އިސްކޮށް ތިއުޅޭ ގިނަމީހުންނަކީ އަދިވެސް އިހްޒަމާނުގެ ވިސްނުން ގެންގުޅޭމީހުން. ފުޓް ބޯޅައަކީ މިހާރު ކޮނޗެއްކަން އެނގޭ ކޯޗްން މަދު. މޮޅު ސެޓްފިކެޓެއް ހޯދިދާނެ. ނަތީޖާ ކޮބާ. ބްރެޒިލުން ތަމްރީނު ހޯދާ މީހާވެސް ކޯޗް ކޮށްދޭއިރު ބުނާނަީ އިދިކޮޅު މީހާ ބިންދާލާށޭ، ފިލުބާލާށޭ. މީތޯ ފުޓްބޯޅައަކީ. މިފެންވަރުގެ ކޯޗުން މިތިބެނީ. ނުވީތަނަކަށް އެއިވެސް ގޭންގް ލީޑަރުން. ކުޅުންތެރިންނަށް މިސާލަކަށްވާ ކޯޗުން ނެތް.

 3. ޒވނއ

  އަދިވެސް މަލޭގައި ހުރިހާ ކަމެއް ކުރަންދޯ ތިވިސްނަނީ...

  ނިކަން ހޯމް އެންޑް އަވޭ އުސޫލު ތައާރަފް ކޮށްބަލަ...

  މާލޭގެ ކުލަބްތަކަށްވެސް ކަނޑުދަތުރު ކޮށްފައި އައިސް މެޗް ކުޅުމުން އެދިމާވާ އުނދަގޫ އޭރުން އިހްސާސް ކުރެވޭނެ !

 4. ހއ

  ހއ މި ކިއްކުރާ އަތޮޅެށް

 5. އެންމެން

  މީ އަހަރުމެން ވެސް ގައުމު އަޅަންޔާ ހުރިހާ ރަށެއްގަ އަޅާ...ކައެމެން ޓެކްސް އެއްޗެސް ނަގާ އިރު ވަކި ރަށެއް ނުބަލާ... މާލެ މީހުން އެކަންޔެއް ނޫނެ އުފަލުގަ އުޅެން ބޭނުން ވަނީ.. ..ތި ޕްރިމިއާ ލީގުން ވެސް ގިނަ ރަށް ރަށަ ފުރުސަތު ދީ 20 ޓީމަށް ހަދަންވީ....ހުރިހާ ރަށެއްގަ ކުޅެންވީ..ލަރި ހުންނާނެ ކައެމެން އަތުގަ އެވަރުކުރެވެން..