ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ އަށް ތިންވަނަ ދަރިއަކު މިއަދު ލިބިއްޖެއެވެ.

މެސީއަށް ތިންވަނަ ދަރިއަކު މިއަދު ލިބުނުއިރު، މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. ތިންވަނަ ދަރިފުޅަށް މެސީ އަދި އޭނާގެ އަންހެނުން، އެންޓޮނެއްލާ ރަކޫޒޯ ދީފައިވާ ނަމަކީ "ސިރޯ" އެވެ.

ތިންވަނަ ދަރިއަކު ލިބުނުކަން "އިންސްޓަގްރާމް" މެދުވެރިކޮށް މެސީ އިއުލާންކޮށްފައިވާއިރު، އޭނާ ވަނީ ދަރިފުޅާއި އަންހެނުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައެވެ.

ތިންވަނަ ދަރިއަކު ލިބުނުކަން ހާމަކުރުމަށް އިންސްޓަގްރާމްގައި މެސީ އާއްމުކޮށްފައިވާ ޕޯސްޓެއް

މެސީ އަށް މީގެކުރިން ލިބުނު ދެ ފިރިހެން ކުދިންނަކީ ތިއާގޯ އާއި މަޓެއޯއެވެ. މީގެތެރެއިން ތިއާގޯ އަށް ފަސް އަހަރު ފުރިފައިވާއިރު މަޓެއޯ އަށް ފުރިފައިވަނީ ދެ އަހަރެވެ.

ތިންވަނަ ދަރިއަކު ލިބުމާ ގުޅިގެން، ސްޕެނިޝް ލީގުގައި މިރޭ މަލާގާ އާއި ދެކޮޅަށް ބާސާ އިން ކުޅޭ މެޗަށް ނެގި ސްކޮޑުން މެސީ ވަނީ ބާކީކޮށްފައެވެ. މެސީގެ ބަދަލުގައި ސްކޮޑަށް މިހާރު ނަގާފައިވަނީ ކޮލަމްބިޔާގެ ޑިފެންޑަރު ޔެރީ މީނާއެވެ.

މަލާގާ އާއި ދެކޮޅަށް ބާސާ ނިކުންނައިރު އެޓީމު މިވަގުތު އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު ލީގުގެ އެއްވަނައިގައެވެ.