2009 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން ރޮނާލްޑޯގެ ބައެއް ސްޕޮންސަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރޭޕްގެ ތުހުމަތު ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ އުމުރުން 34 އަހަރުގެ ކެތްރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނެކެވެ. ޖަރުމަނުގެ މެގަޒިން އަކަށް މަޔޯގާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯ އޭނާ ރޭޕްކޮށްފައިވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް މި މައްސަލަ ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅި ކަމަށް މަޔޯގާ ބުނެފައިވެއެވެ.

އަދި މި ހާދިސާގެ ވާހަކަ އާއްމުންގެ މެދުގައި ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށްވެސް މަޔޯގާ ބުނެފައިވެއެވެ.

މަޔޯގާ ހުށަހެޅި މައްސަލަ ލަސް ވޭގަސްގެ ފުލުހުން އަލުން ބަލަން ފަށާފައިވާއިރު ރޮނާލްޑޯގެ އެންމެ ބޮޑު ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ "ނައިކީ" އާއި "އީއޭ" އިން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.

އެގޮތުން "ނައިކީ" އިން ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތާ މެދު ކަންބޮޑުވާ ކަމަށާއި މި މައްސަލަ ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. ނައިކީ އަކީ 2003 ވަނަ އަހަރުން ފެށިގެން ރޮނާލްޑޯ އާއެކު މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ރޮނާލްޑޯއާ ނައިކީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ އަގު އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މީގެއިތުރުން ވީޑިޔޯ ގޭމް އުފެއްދުމުގައި މަޝްހޫރު "އީއޭ" ގެ ތަރުޖަމާނަކު ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ރޮނާލްޑޯގެ މައްސަލަ ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލާނެ ކަމަށް ވިދާޅުވެފައެވެ. އަދި "އީއޭ" ގެ އުސޫލުތަކާއި ހަމަތައް ހުރިހާ އެތްލީޓުންނާއި އެމްބެސެޑަރުން ހިފަހައްޓާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އީއޭ" އިން މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ ކުންފުނިން ނެރޭ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ގޭމު ކަމަށްވާ "ފީފާ" ގެ އެންމެފަހުގެ އެޑިޝަންގެ ކަވަރ ގައި ބޭނުންކޮށްފައި ވަނީ ރޮނާލްޑޯގެ ފޮޓޯއެކެވެ.

ރޭޕްގެ ތުހުމަތު ރޮނާލްޑޯ އަށް ކުރެވިފައިވާއިރު އޭނާ ބުނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި މިއީ އޭނާގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން ބައެއް ފަރާތްތަކުން ކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހާސް ކަނޑާލާ!! ހޯދުނު ދަރިވެސް ކަށވަރެއްނޫނެއްނު!!

  2. ދާލު

    ރޮނާލްޑޯ ގެ ދޮގު ވާހަކަ ނުފަތުރަ ބަލަ..

  3. ނަންނެތް

    ރޮނާލްޑޯ! ބޮޑު ދަށްދަށް މީހެއް ???