ޗެލްސީގައި ހުރެ ރިޓަޔާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ސެސްކް ފެބްރިގާސް ބުނެފިއެވެ.

މީގެކުރިން އާސެނަލް އާއި ބާސެލޯނާ އަށް ވެސް ކުޅެފައިވާ ފެބްރިގާސް ޗެލްސީއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. ޗެލްސީގެ މެދުތެރޭގައި މުހިއްމު ދައުރެއް ފާއިތުވި އަހަރުތަކުގައި ފެބްރިގާސް އަދާކޮށްފައިވާއިރު އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

ޔޫރޮޕާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވިޑީ އެފްސީއާ ބައްދަލުކޮށް 1-0 އިން ޗެލްސީ މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުމުރުން 31 އަހަރުގެ ފެބްރިގާސް ބުނީ ޗެލްސީގައި ހުރެ ރިޓަޔާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުޅުން ހުއްޓާލުމުގެ ކުރިން ޔޫރަޕުން ބޭރުގައި ވެސް ކުޅެން ބޭނުންވާ ކަމަށެވެ.

"ކެރިއަރުގެ ތަންކޮޅެއް ފަހުން އަހަރެން ބޭނުން ޔޫރަޕުން ބޭރުގައި އާ ކަމެއް ތަޖުރިބާކޮށްލަން. އެކަމަކު މިވަގުތަށް އަހަރެން މި ޗެލްސީގައި މިހުރީ ވަރަށް ހަމަޖެހިގެން" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު، ޗެލްސީން އަދި މިހާތަނަށް އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ފެބްރިގާސް ބުނީ ޗެލްސީގެ ކޮންޓްރެކްޓް އާކުރަން ތައްޔާރަށް ހުރި ކަމަށާއި ޗެލްސީގައި މިހާތަނަށް ހޭދަކުރި ހަތަރު އަހަރަކީ ވަރަށް އުފާވެރި އަދި ކާމިޔާބު ހަތަރު އަހަރު ކަމަށެވެ.

"ފުޓްބޯޅަ އިން އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް މި ކްލަބަށް ކޮށްދެވޭނެ ކަމަށް އަހަރެން ގަބޫލުކުރަން. އެކަމާ މެދު ގޮތެއް ނިންމާނީ ކްލަބުން" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ވަނީ މިހާތަނަށް ޗެލްސީ އާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭކަޕަކާއި އިނގިރޭސި ލީގު ކަޕެއް ކާމިޔާބުކޮށްފައެވެ.