ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ފ. ނިލަންދޫ އަތުންވެސް ބަލިވެ، ބ. ފެހެންދުއަށް ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިލަންދޫން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. ވިއްސާރައިގެ ސަބަބުން ފެހެންދޫއަށް ދަތުރުކުރުމުގެ ދަތިތަކެއް ކުރިމަތިވެފައިވާ އިރު، އެޓީމަށް ލަހުން މާލެ އާދެވުމުން މެޗު ފަށާފައި ވަނީ ބައިގަޑިއިރު ލަހުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ދެޓީމަށްވެސް މެޗު މުހިއްމުވީ ފުރަތަމަ ބުރަށްފަހު ރެލިގޭޓްވާ ދެ ޓީމުގެ ތެރޭގައި ނުހިމެނި ސަލާމަތްވުމަށެވެ. މެޗުން މޮޅުވެ، ހަތް މެޗުން ހަތް ޕޮއިންޓާއެކެ ނިލަންދޫ ވަނީ ހަތްވަނައަށް ޖެހިލައިފައެވެ. ފެހެންދުއަށް ފުރަތަމަ ބުރުގައި ބާކީ ދެ މެޗު އޮތް އިރު، އެޓީމަށް އަދި މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތް މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ.

މިއަދުގެ މެޗު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، މެޗުގެ ކުރީކޮޅުގައި ދެޓީމުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެޓޭކިން ކުޅުމަކަށް ދެޓީމުގެވެސް ވިސްނުން ހުރި ނަމަވެސް، ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ނިލަންދޫގެ ބިދޭސީ ފޯވަޑް ވޭކޫ ލޫކަސްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ. އޭގެ ފަހުން ފެނުނީ ފެހެންދޫން ނުރައްކާ ކުރިތަނެވެ. އަރިމަތިން އަލީ ހާފިޒާއި އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ހުނަރު މެޗުގައި ފެނިފައިވާ އިރު، ފުރަތަމަ ހާފްގައިވެސް ފެހެންދޫގެ އެންމެ ނުރައްކާތެރި ދެ ކުޅުންތެރިންގެ ގޮތުގައި ފެނުނީ އެ ދެކުޅުންތެރިންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ނިލަންދުއަށް ލިބުނު ކޯނަރުގައި އެޓީމުން ނުރައްކާ ކުރިއެވެ. ފެހެންދޫ އޭރިއާ ތެރޭގައި ހުރި ނިލަންދޫ ޑިފެންޑަރު ލަމްޕްޓޭ ސެމިއުލް ގޯލަށް ހަމަލާއެއް ފޮނުވާލި ނަމަވެސް، ފެހެންދޫގެ ޑިފެންޑަރުން ވަނީ އެ ހަމަލާ ބްލޮކް ކޮށްފައެވެ.

އޭގެ އިރުކޮޅެއްފަހުން ނިލަންދޫން ލީޑު ނެގިއެވެ. އަރިމަތިން ފާރޫގު އިސްމާއިލް ނަގައިދިން ހުރަސް، ބޮލުން ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލީ އޭރިއާ ތެރޭގައި ހުރި އިބްރާހީމް ފުރުގާން (ފުގޭ) އެވެ.

ފުރަތަމަ ހާފް ނިމުނު އިރު، ނިލަންދޫން ލީޑުގައި އޮތް ނަމަވެސް، ދެވަނަ ހާފް ފެށިގެން ދެމިނެޓު ނުވެ ފެހެންދޫން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް ދިން ރީތި ބޯޅައަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހީމް މާޖިދެވެ.

ގޯލާއެކު ފެހެންދޫން ކުރިއަށްޖެހި ނަތީޖާ އަނބުރާލުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް، އަނެއްކާވެސް ލީޑު ނެގީ ނިލަންދޫންނެވެ. ލިބުނު ކޯނަރެއްގެ އެހީގައި އެޓީމަށް ލީޑު ނަގައިދިނީ ސެމިއުލްއެވެ. ހުސައިން ރާއިފް ނަގައިދިން ކޯނަރު، ސެމިއުލް ބޮލުން ގޯލަށް ވައްދާލީ ހުސްކޮށް އޮވެގެންނެވެ.

ނިލަންދޫން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، ފެހެންދޫން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހާއްސަކޮށް އެޓީމަށް ގިނަ ފުރުސަތުތަކެއްވެސް ލިބިގެން ދިޔަކަން ފާހަގަކޮށްލެވުނެވެ. 79 ވަނަ މިނެޓުގައި ނިޒާމްބެ ނަގައިދިން ހުރަސް، އާދަމް ނިޒާމް ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި ނަމަވެސް، ނިލަންދޫގެ ގޯލްކީޕަރު އަލީ ސޮބާހު ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަވެސް މަތަކޮށްފައެވެ.

މެޗު ނިމެންދަނިކޮށް 86 ވަނަ މިނެޓުގައި ފެހެންދޫގެ ފުރަތަމަ ގޯލް ޖެހި މާޖިދުއަށް އިތުރު ފުރުސަތެއް ލިބިގެން ދިޔައެވެ. އޭރިއާ ތެރެއަށްވަދެ އޭނާ ފޮނުވާލި ބާރު ހަމަލާވެސް ދިފާއުކުރީ ގޯލްކީޕަރު ސޮބާހެވެ.

ނިލަންދޫގެ ފަހު ގޯލް، މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 17 އަހަރުގެ އަހުމަދު ޝާންއެވެ. މެދުތެރެއިން ދުއްވާލި ތުރޫ ބޯޅައަކަށް ދުވެ، ޝާން އެ ގޯލް ކާމިޔާބުކޮށްދިނީ ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު ހުސްކޮށް އޮވެ ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. ޝާންގެ ބާރު ދުވެލި އެ ގޯލްގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ށ. ފޯކައިދުއެވެ.