މާކަސް ރަޝްފޯޑުގެ ދެ ގޯލުން ޕްރިމިއަރ ލީގުގައި މިއަދު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 1-2 އިން މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް ލީގުގެ ދެވަނައިގައި މިހާރު އޮތީ 65 ޕޮއިންޓާ އެކުއެވެ. 60 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ތިންވަނައިގައެވެ. ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އެޓީމަށް ލީގުގެ ތިންވަނަ މަގާމު ލިބޭނެއެވެ. ޓޮޓެންހަމް މިވަގުތު އޮތީ 58 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ރަޝްފޯޑް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ވެންޑައިކް ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ލިވަޕޫލް އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 24 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ރަޝްފޯޑް ކާމިޔާބުކޮށްދިނުމެވެ. މި މެޗުގައި ރަޝްފޯޑް ދެ ގޯލު ކާމިޔާބުކުރިއިރު މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަށްފަހު ޔުނައިޓެޑްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގައި ލިވަޕޫލް އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓްގައި ލިވަޕޫލް އިން ގޯލެއް ކާމިޔާބުކުރިއިރު މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލާއެކު ނަތީޖާ އެއްވަރުކުރުމުގެ އުއްމީދު ލިވަޕޫލް އަށް ލިބުނު ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއީ ލީގުގައި ލިވަޕޫލް ބަލިވި ހަތަރުވަނަ މެޗެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސްވެންސީ ސިޓީއާއެވެ. ލިވަޕޫލް ނިކުންނާނީ ވޮޓްފޯޑް އާއި ދެކޮޅަށެވެ.