ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ށ. ފޯކައިދޫގެ މައްޗަށް ކުރިހޯދައި، ކްލަބު އީގަލްސްއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުގައިވެސް ޓީމުގެ ތަރި އަހުމަދު ރިޒުވާން (ރިޒޭ) ހެޓްރިކް ހަދާފައިވާ އިރު، ގައުމީ ދަނޑުގައި ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ކުރިން މިދިޔަ ހަފްތާގައި އީގަލްސްއިން ތ. ތިމަރަފުއްޓާ ދެކޮޅަށްވެސް ރިޒޭ ހެޓްރިކް ހަދާފައިވާ އިރު، އޭނާ އަކީ މިވަގުތު ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ. ރިޒޭ ވަނީ ހަތް މެޗުން ނުވަ ގޯލް ޖަހައިފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާތަނަށް ލީގުގައި އީގަލްސްއިން ކުޅުނު ހަތް މެޗުން 14 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު ދެވަނަގައި އޮތީ އެއްވަނައިގައި އޮތް ޓީސީއަށްވުރެ މެޗެއް އިތުރަށް ކުޅެ، ހަތަރު ޕޮއިންޓް ފަރަގެއްގައެވެ. ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓްވެސް އީގަލްސްއަށްވުރެ މެޗެއް މަދުން ކުޅެ 13 ޕޮއިންޓް ހޯދާފައިވާ އިރު، މާދަމާ ނިއުއިން ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. ހަތަރުވަނައިގައި މާޒިޔާ ހަ މެޗުން 10 ޕޮއިންޓާއެކު އޮތް އިރު، ގްރީންވެސް އޮތީ އެ އަދަދަށް ޕޮއިންޓް ހޯދާފައެވެ. ގްރީން ފަސްވަނައިގައި އޮތީ ގޯލް ތަފާތުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ފޯކައިދޫން އޮތީ އެންމެފަހުން ކުޅުނު ދެ މެޗުންވެސް ކާމިޔާބުކޮށް ރަނގަޅު ފޯމެއްގައެވެ. އެހެން ނަމަވެސް ފެށިގެން ތިން މިނެޓް ތެރޭގައި އީގަލްސްއިން ގޯލް ހުޅުވާލިއެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ރިޒޭއެވެ.

ރިޒޭގެ ގޯލަށްފަހުވެސް އީގަލްސްއިން ކުޅެމުން އައީ ހިތްގައިމު ޕާސިން ފުޓުބޯޅައެކެވެ. ފޯކައިދޫގެ ޑިފެންސަށް ނުރައްކާ ކުރަމުންދިޔަ އީގަލްސްއިން ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޖުމައިލް ޖަމީލަށް ލިބުނު ފުރުސަތު އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް، ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ސާގިބު ހަނީފް އެ ހަމަލާ މަތަކޮށް ބޭރުކޮށްލިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފޯކައިދޫން ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅުނު އިރު، އެޓީމުގެ މުހައްމަދު ޖައިލަމް (އޮގީ)ގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އޭނާ ކުރިއަށް ޖެހި ފޮނުވާލި ބޯޅަ މަތަކުރީ އީގަލްސްގެ ކެޕްޓަން، ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އީގަލްސްއިން ލީޑު ފުޅާކުރިއެވެ. އަރިމަތިން ހަސަން ރާއިފް (ހަންނަ) ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ހުސައިން ސިފާއު (ކްރޯ)އެވެ. ކްރޯ ވަނީ އެންމެފަހުން ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ގޯލް ޖަހައިފައެވެ. ކުދި ޕާސްތަކާއެކު ކުޅެމުންދިޔަ އީގަލްސްއިން މެޗުގެ 33 ވަނަ މިނެޓުގައިވެސް ފަހި ފުރުސަތެއް ތަނަވަސް ކުރިއެވެ. އެފަހަރުވެސް ހަންނަ ފޮނުވާލި ބޯޅަ ދިފާއުކުރީ ގޯލްކީޕަރު ސާގިބު ހަނީފެވެ.

ހާފް ނިމުމުގެ ކުރިން ރިޒޭގެ ދެވަނަ ގޯލާއެކެ އީގަލްސްއިން ނަތީޖާ 3-0އަކަށް ބަދަލުކޮށްލިއެވެ. އޭރިއާ ތެރޭގައި ހުރެ، ވަރަށް ބަލާލުމަށްފަހު ރިޒ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސާގިބު ހަނީފްގެ އަތުގައި ޖެހިފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފަށް ނުކުމެ ފޯކައިދޫން ކުޅުން ރަނގަޅު ކުރިއެވެ. ހާއްސަކޮށް ކުރިއަށް ޖެހި، ޕްރެސް ކުރަން ފެށިތަން ފެނިގެންދިޔައެވެ. އޭގެ ފައިދާ ނަގައި، ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީވެސް ފޯކައިދޫންނެވެ. އޮގީ ފޮނުވާލި ހަމަލާ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.

ފޯކައިދޫން ކުރިއަށް ޖެހިގެން އެޓޭކް ކުރަން ދަނިކޮށް އަނެއްކާވެސް ގޯލް ޖެހީ އީގަލްއިންނެވެ. ކްރޯގެ ތުރޫ ޕާހަށް އޭރިއާ ތެރެއަށްވަދެ ރިޒޭ، ގޯލަށް ބޯޅަ ނިންމާލީ ކީޕަރުގެ ގައިމަތިންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ނާއިމްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވާ އިރު، އަނެއްކޮޅުން އޮގީ ކީޕަރު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ ރޮނގުމަތިން ދިފާއުކުރީ ކްރޯއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ފޯކައިދުއަށް ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. އޭރިއާ ތެރެއިން އީގަލްސްގ ބިދޭސީ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނެލްޓީއެއް ދީފައިވާ އިރު، ފޯކައިދޫގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ޖެހި ޕެނެލްޓީ ސުޖަން ދިފާއުކުރިއެވެ. ރާމޯސްއަކީ ކުރިން އީގަލްސްއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ އީގަލްސްއިން މެޗު ނިމެން ދަނިކޮށް އިތުރު ގޯލެއް ޖެހިއެވެ. ފޯކައިދޫ އޭރިއާ ތެރެއިން ޑިފެންޑަރާ ގޯލްކީޕަރާ ދެމެދު އެރި އޮޅުމެއްގެ ފައިދާނަގައި، އީގަލްސްގެ ފަސްވަނަ ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުސައްނިފް މުހައްމަދެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ތިމަރަފުއްޓެވެ. މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ޓީސީއާއި ގްރީން ސްޓްރީޓްސްއެވެ.