ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާއެކު 1-2 އިން އެއިބާގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ ތިންވަނައިގައި ރެއާލް މިހާރު އޮތީ 57 ޕޮޮއިންޓާ އެކުއެވެ. ރެއާލް އަތުން މިރޭ ބަލިވި އެއިބާ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުންކުޅެ ލީގުގެ އެއްވަނައިގައި 69 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

އެއިބާ އިން މި މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 34 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ވެސް ރޮނާލްޑޯ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އެއިބާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރޮނާލްޑޯ ފޮނުވާލި އެ ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރަމީސް ވަނީ އެއިބާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ލީޑު ނަގަން އެއިބާ އަށް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެ ފުރުސަތުތަކުގެ ބޭނުން އެއިބާ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 84 ވަނަ މިނެޓްގައި ރެއާލް އިން މެޗުގެ ލީޑު ނެގުމެވެ. ކަވަހާލް ނަގައިދިން ރީތި ހުރަހަކުން މި ގޯލުވެސް ރެއާލް އަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މިރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ރޮނާލްޑޯ މި ސީޒަނުގައި ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ.