ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރާ 3-2 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ރޭގެ މެޗުން ބަލިވި ނިއުކާސަލް އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ. ނިއުކާސަލް އަށް ލީގުގައި އަދި މޮޅެއް ހޯދިފައިނުވާއިރު މިއީ އެޓީމު ބަލިވި ހަވަނަ މެޗެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ ނިއުކާސަލް އިން ވަނީ ޔުނައިޓެޑަށް ކޮޅަށް ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ނިއުކާސަލްގެ ފުރަތަމަ ގޯލު މެޗުގެ ހަތްވަނަ މިނެޓްގައި ކެނެޑީ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ދެވަނަ ގޯލު 10 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޫޓޯއެވެ.

މި ދެ ގޯލަށްފަހު ފުރަތަމަ ހާފްގައި ނިއުކާސަލް އިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޝެލްވީ އާއި މޫޓޯ ފޮނުވާލި އެ ދެ ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން ޔުނައިޓެޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރަޝްފޯޑް އަށެވެ. ނަމަވެސް ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ރަޝްފޯޑް ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ބޭރަށެވެ.

ނިއުކާސަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން ހުއާން މާޓާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ހަ މިނެޓްފަހުން އެންތޮނީ މާޝިއަލް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ އެންމެފަހު މިނެޓްގައި އެލެކްސިސް ސަންޗޭޒް ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުން ޔުނައިޓެޑް މޮޅުވިއިރު މިއީ ހަތަރު މެޗަށްފަހު ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޗެލްސީއައެވެ.

ކިޔުންތެރިންގެ ހިޔާލު