ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޑިޕޯޓިވޯ އަލަވޭސް އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރޭގެ މޮޅާއެކު 14 ޕޮއިންޓާ އެކު ލީގުގެ ތިންވަނަ އަށް އަލަވޭސް ވަނީ އަރާފައެވެ. ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި މި ދެ ޓީމަށް ވުރެ އެއް މެޗުން މަދުން ކުޅެ 14 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ކުރި ހޯދައިގެން އޮތީ ބާސެލޯނާއެވެ.

އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ދެ ޓީމުންކުރެ ޓީމަކަށް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އަލަވޭސްގެ ގޯލަށް ނުރައްކާ ކުރަން ރެއާލް އިން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަރިއާނޯ ފޮނުވާލި ހަމަލާއެއް އަލަވޭސްގެ ކީޕަރު ދިފާއުކުރިއިރު ބޭލް ދުރުން ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

އަލަވޭސް އަށް މި މެޗުގައި ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވި ނަމަވެސް މެޗުގެ އެންމެފަހު މިނެޓްގައި ގާސިއާ ސަންޗޭޒް ވަނީ އަލަވޭސް އަށް މެޗުގެ ލީޑު ނަގައިދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ. ސަންޗޭޒް މި ގޯލު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗުން އަލަވޭސް މޮޅުވިއިރު، މިއީ 1931 ވަނަ އަހަރަށްފަހު ސްޕެނިޝް ލީގުގައި ރެއާލްގެ މައްޗަށް އަލަވޭސް އަށް ހޯދުނު ފުރަތަމަ މޮޅުވެސް މެއެވެ.

ރޭގެ މެޗަކީ ރެއާލް އަށް މޮޅެއް ނުހޯދި ޖެހިޖެހިގެން ނިމުނު ހަތަރުވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ރެއާލް ބަލިވެފައިވާއިރު އެ ހަތަރު މެޗުގައި ރެއާލް އަށް ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.