ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މޮންގްލަޑްބެކް އަތުން 3-0 އިން ބަޔާން މިއުނިކު ބަލިވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން ބަޔާން މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. 14 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި މޮންގްލަޑްބެކް އޮތްއިރު އެއްވަނައިގައި 17 ވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި މޮންގްލަޑްބެކް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 10 ވަނަ މިނެޓްގައި ޕްލިޔޭ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ހަ މިނެޓްފަހުން ސްޓިންޑިލް ވަނީ މޮންގްލަޑްބެކްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ބަޔާން ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ބަޔާންގެ ފަރާތުން އާދައިގެ ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު މެޗުގެ 88 ވަނަ މިނެޓްގައި ހާމަން ވަނީ މޮންގްލަޑްބެކްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗަކީ ބަޔާން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތަރު ވަނަ މެޗެވެ. އެގޮތުން ލީގުގައި އެންމެފަހުން އައުގްސްބާގް އާއި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ހާތަ ބާލިން އަތުން ބަޔާން ވަނީ 2-0 އިން ބަލިވެފައެވެ. މީގެއިތުރުން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އަޔަކެސްއާ ބައްދަލުކޮށް ބަޔާން ވީ 1-1 އިން އެއްވަރެވެ.

ބަޔާން ރޭ ބަލިވިއިރު ލީގުގެ އެއްވަނައިގައި އޮތް ޑޯޓްމަންޑުން ވަނީ ފަހަތުން އަރައި އައުގްސްބާގްގެ މައްޗަށް 3-4 އިން ކުރި ހޯދާފައެވެ.