އުދިނޭސީގެ މައްޗަށް 2-0 އިން ކުރި ހޯދާ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ޖެހިޖެހިގެން އަށްވަނަ މޮޅު ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 24 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް 15 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ.

އުދިނޭސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 33 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ ބެންޓަންކޫރްއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ރޮނާލްޑޯ ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ގޯލެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް ޔުވެންޓަސް އިން ވަނީ އުދިނޭސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި އުދިނޭސީގެ ކީޕަރު ސިމޯނޭ ސްކުފެޓްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ޖެހިޖެހިގެން އަށްވަނަ މޮޅު ޔުވެންޓަސް އިން ހޯދިއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޖެނޯއާއެވެ. ޔުވެންޓަސް އަކީ ފާއިތުވި ހަތް އަހަރުވެސް އިޓާލިއަން ލީގު ކާމިޔާބުކުރި ޓީމެވެ.