ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ކެލޭ ދާއިރާގެ މެންބަރު އަލީ އާރިފް ކުލަބުގެ ބޯޑުން އިސްތިއުފާދީފިއެވެ.

އެ ދެބޭފުޅުންވެސް ވިކްޓަރީގެ ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ ކްލަބު އުނދަގޫހާލަތެއްގައި އޮތް ދަނޑިވަޅެއްގައެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި، ކްލަބު މާލީ ގޮތުން އުނދަގޫ ހާލަތަކަށް ވެއްޓިފައިވާ އިރު، އެޓީމަށް ކޯޗުކޮށްދެމުންދިޔަ ހަންގޭރީގެ ލާޒްލޯ ކިސްވެސް ވަނީ ކްލަބު ދޫކޮށް ގޮސްފައެވެ.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ލީގު، ޖުލައި މަހު މެދުކަނޑާލިފަހުން އެެއްވެސް ވަރަކަށް ފަރިތަކުރުންތައް ކުރިއަށް ނުގެންގޮސް އޮތް ވިކްޓަރީން އެންމެފަހުން އެޓީމު ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ހާޒިރުވެފައެއް ނުވެއެވެ.

ވިކްޓާރީގެ ފަރާތުން މެނޭޖަރު އަހުމަދު ގާލިބް ބުނެފައި ވަނީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ތިބީ މެޗު ކުޅޭ ގޮތަށް ނަމަވެސް، ކްލަބުގެ ބައެއް ބޯޑު މެމްބަރުން މެޗު ކުޅެން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ކުޅުންތެރިންނާއި ކްލަބުގެ މެނޭޖުމަންޓުން އަމަލު ކުރާނީ ބޯޑުގެ ނިންމުމަށް ކަމަށާއި، މެނޭޖަރެއްގެ ހައިސިއްޔަތުން ކުޅުންތެރިން ކުރާ މަސައްކަތަށް ސެލިއުޓް ކުރާ ކަމަށްވެސް ގާލިބު ބުނެފައިވެއެވެ.

ވިކްޓަރީގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އިސްމާއީލާއި ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި ވައިސް ޗެއާމަން އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވިކަން އެޓީމުގެ ޖެނެރަލް ސެކްރެޓަރީ އަލްއުސްތާޒާ އައިޝަތު ތައުމީނާ "ވަގުތު"އަށް ޔަގީން ކޮށްދެއްވާފައިވާ އިރު، ތައުމީނާ ވިދާޅުވީ އެ ދެބޭފުޅުންވެސް ކްލަބުގެ މަގާމުތަކުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކްލަބަށް ހިދުމަތްތަކެއް ކޮށްދެއްވި ކަމަށެވެ.

އެގޮތުން ދެ ބޭފުޅުންގެ ފަރާތުންވެސް ކްލަބަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި، މިހާރު ކްލަބު ހިންގުމާ ހަވާލުވެ ހުންނެވީ ވައިސް ޗެއާމަން މުހައްމަދު ނަޒީމް ކަމަށްވެސް ތައުމީނާ "ވަގުތު"އަށް ވިދާޅުވިއެވެ. ނަޒީމްއަކީ ކުރިން ވިކްޓަރީގެ ޗެއާމަންކަންވެސް ކުރެއްވި ބޭފުޅެކެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީން ދެން ކުޅެން އޮތް މެޗުގައި، މާދަމާ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނަ އިރު، ކްލަބުގެ ޖެނެރަލް ސެކްރެޓަރީ ތައުމީނާ ވިދާޅުވީ އެ މެޗަށް ޓީމު ނުކުންނާނެ ކަމަށެވެ. އަދި ކްލަބަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް މިއަދުން މިއަދަށްވެސް ބޯޑުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަށް މުސާރައިގެ ކަންކަމުގެ އިތުރުން އެހެނިހެން މާލީ ކަންކަންވެސް ހައްލުކުރެވިގެން ދިޔުންކަމަށްވެސް ތައުމީނާ ވިދާޅުވިއެވެ.

ވިކްޓަރީއާއި ނިއު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 4:00ގައެވެ.