އެކުވެރިކަމުގެ މެޗުގައި ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު، މެލޭޝިއާއާ ދެކޮޅަށް ނުކުތުމަށް ތާވަލުކުރެވިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ރާއްޖޭގެ ސީނިއާ ޓީމުން ނޮވެންބަރު ތިންވަނަ ދުވަހު މެލޭޝިއާގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ސާފް ޗެމްޕިއަންޝިޕަށްފަހު ސީނިއާ ޓީމުން ކުޅޭ ފުރަތަމަ މެޗަށެވެ.

މިދިޔަމަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފައިވާ އިރު، ޓީމުގެ ކާމިޔާބީގެ އުފާފާޅުކުރުމުގެ ހަރަކާތްތައް އަދިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދިއުމުގެ ޓްރޮފީ ޓުއާއެވެ.

ސާފަށް ދިއުމުގެ ކުރިންވެސް ސިންގަޕޫރާ ދެކޮޅަށް ރާއްޖޭގެ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، އެ މެޗުން ރާއްޖެ ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ރާއްޖޭގެ ކޯޗުކަމާ އަލަށް ހަވާލުވި ކްރޮއޭޝިއާގެ ޕީޓާ ސެގަޓްގެ އިރުޝާދުގެ ދަށުން ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މިދިޔަ ހަފްތާ ތެރޭގައި އެފްއޭއެމްއިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި އެ އިދާރާގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޣަނީ (ސާންތި) ވިދާޅުވީ އަންނަ ސީޒަނަށް ކަލަންޑަރު ތައްޔާރުކުރުމުގައި ގައުމީ ޓީމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާނެ ކަމަށާއި، ސީޒަން ތެރެއިން އަންނަ ފީފާ ހުރިހާ ބްރޭކަކީވެސް ރާއްޖޭގެ ގައުމީ ޓީމަށްވެސް ހުސްވެގެންދާނެ ދުވަސްތައް ކަމަށެވެ.

އެގޮތުން ޖުމްލަ 36 ދުވަސް، ސީޒަން ތެރެއިން ގައުމީ ޓީމަށް ހުސްވެގެންދާނެ ކަމަށާއި، މިވަގުތު އެފްއޭއެމްގެ ވިސްނުން ހުރީ އަންނަ ސީޒަންގައި ގައުމީ ޓީމަށް ވަރުގަދަ އެކުވެރިކަމުގެ މެޗުތަކެއް ހަމަޖެއްސުމަށް ކަމަށްވެސް ސާންތި ފާހަގަކުރެއްވިއެވެ. ސާންތި އިތުރަށް ވިދާޅުވީ އަންނަ އަހަރު ބޮޑަށް ވިސްނާނީ މި ސަރަހައްދީ ލެވެލްއަށްވުރެ ވަރުގަދަ ޓީމުތަކާއެކު ގައުމީ ޓީމަށް މެޗުތަކެއް ހަމަޖެއްސުމަށް ކަމަށާއި، ރޭންކިން ގޮތުންވެސް ގައުމީ ޓީމު ކުރިއަށް ޖެއްސުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ޕްރެސްގައި ސާންތި ވަނީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ ގައުމީ ޓީމުތަކަށް އޮތް ބައެއް މުބާރާތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އަންނަ އަހަރު ގައުމީ ޒުވާން ޓީމަށް އޭއެފްސީ ކޮލިފިކޭޝަނާއި އޮލިމްޕިކް ކޮލިފައިން އޮންނާނެއެވެ. ސީނިއާ ޓީމަށް އޮތް މުބާރާތަކީ އަންނަ އަހަރު ޖޫން މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ.