ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ ތިންވަނަ ދަމަހައްޓައިފިއެވެ.

ޕްރިމިއާ ލީގުގައި އެންމެފަހުން ތިމަރަފުށި ކުޅުނު މެޗުގައި އެޓީމު ކޮޅަށް ކްލަބު އީގަލްސްއިން ނުވަ ގޯލް ޖަހާފައިވާ އިރު، އެ މެޗުގައި އެޓީމުގެ ސްކޮޑުގައި 11 ކުޅުންތެރިން ކިރިޔާ ހަމަވީއެވެ. ތިމަރަފުށީގެ ދަށް ކުޅުމާ ގުޅިގެން އެ މެޗަށްފަހު ޓީމުގެ އޮފިޝަލަކު ބުނެފައި ވަނީ ޓީމަށް ދިމާވި މައިގަނޑު އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ ދަތިކަން ކަމަށެވެ.

ތިމަރަފުއްޓަށް ފައިސާ ދޭން ޖެހޭ މިފްކޯއިން އެޓީމަށް ފައިސާ ދީފައިނުވާ އިރު، އެ ޓީމަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދެމުން އައީ އެފްއޭއެމްއިންނެވެ. މިއަދުގެ މެޗުގައި ޓީމުގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗަށްފަހު އޮފިޝަލް ބުނެފައި ވަނީ ޓީމަށް މާލީ ގޮތުން އެފްއޭއެމްގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މާޒިޔާއިން ލީގުގެ ތިންވަނަ ދެމެހެއްޓި އިރު، މި ބުރުގައި ކުޅުނު ހަތް މެޗުން ތިމަރަފުއްޓަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ ނަތީޖާތަކާއެކު ތިމަރަފުއްޓަށް ވަނީ ރެލިގޭޝަނާ ކުރިމަތިލާން ޖެހިފައެވެ. މި ބުރު ނިމޭ އިރު، ފުލުގައި އޮންނަ ދެ ޓީމުން އަނެއް ބުރަށް ރެލިގޭޓްވާނެއެވެ.

މެޗުގެ ކުރީކޮޅުގައިވެސް މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފުރުސަތުތައް ތަނަވަސް ކުރި ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ކުޅުމެއް މިއަދު ދެއްކިފައެއް ނުވެއެވެ. ހާއްސަކޮށް އެޓޭކް ކުރުމުގައި ޕާސްތައް ގެއްލުވާލުމުގެ އިތުރުން، މެދުތެރެއިންވެސް ގިނަ ބޯޅަތަކެއް ޓީމުގެ ކުޅުންތެރިން އަތުން ގެއްލިގެން ދިޔަތަން ފެނިގެންދިޔައެވެ.

ފުރަތަމަ ހާފްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިފައެވެ. މެޗުގެ ކުރީކޮޅުގައި ލިބުނު ފުރުސަތު އޭނާއަށް ރަނގަޅަށް ކޮންޓްރޯލް ނުވެގެން ގެއްލިފައިވާ އިރު، ދެވަނަ ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ. އަދި ހާފް ނިމެން ދަނިކޮށް ލިބުނު ހަމަލާ ދިފާއުކުރީ ތިމަރަފުށީގެ ގޯލްކީޕަރު އަޑިތިންޖޫ ލޮރެންސެވެ.

މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިފައިވާ އިރު، ދެވަނަ ހާފްވެސް ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ޕާސްތައް ޖެހީ މާޒިޔާއިންނެވެ. އެހެން ނަމަވެސް އެޓީމަށް އެންމެ އެދެވޭ އެޓޭކްތަކެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ޓީމުގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓް ޖައްސާލި ބޯޅައަށް ކުރިއަށްއަރާ، ސައިޑް ބެކް އަލީ ސާމިސް (ތޮއްޕެ) ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ތިމަރަފުށީގެ ބިދޭސީ ޑިފެންޑަރު އަޔޯދިޖޭ ތުންޑޭ ފައިގައި ޖެހި ބައިކޮޅަށެވެ.

އޭގެ މިނެޓެއްފަހުން މާޒިޔާއަށް ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ފަހިވެގެން ދިޔައެވެ. މެދުތެރެއިން މުހައްމަދު އިރުފާން (އިރޭ) މަތިމަތިން ދިން ތުރޫ ބޯޅަ، ނާއިޒް ހަސަން (ދާދު) ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްލުމަށްފަހު، އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ދަނޑީ ކޭތިލާފައި ބޭރަށެވެ. ހަމައެއާއެކު އަނެއްކޮޅަށްވެސް ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތެއް ލިބިގެން ދިޔައެވެ. ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ތިމަރަފުށީގެ ޝަމާހް ޝަރީފް، މާޒިޔާ އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ބްލޮކްކޮށް ބޭރުކޮށްލީ އިރޭއެވެ.

ފަހު ހާފްގައި މާޒިޔާއަށް އިތުރު ފުރުސަތުތައް ލިބިގެން ދިޔަ އިރު، ތިމަރަފުށީ ތިން ކުޅުންތެރިން ނައްޓާލުމަށްފަހު ދާދު، އޭރިއާ ތެރެއަށް ވަދ ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ. އެހެން ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ފުޅާކުރިއެވެ.

މެދުތެރެއިން ދިން ޕާހަކަށް ކުރިއަށްޖެހި، ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު އޭރިއާ ބޭރުން މަތިމަތީން ކޯނެލިއަސް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ހުސްގޯލައަކަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.