ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޗެލްސީ އަށް އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ ޓީމަކަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ސިޓީގެ ރިޔާދު މަހްރޭޒް ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު މަހްރޭޒް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އަދި އޭގެ އިރުކޮޅެއްފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހު ސިޓީގެ ގޯލަށް ހަމަލާއެއް ފޮނުވާލި ނަމަވެސް ސަލާހު ފޮނުވާލި އެ ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ 85 ވަނަ މިނެޓްގައި ސިޓީ އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ސިޓީ އަށް ލިބުނީ އެޓީމުގެ ސާނޭ އަށް ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކް ކުރި ފައުލަކާ ގުޅިގެންނެވެ. ނަމަވެސް މަހްރޭޒް ފޮނުވާލި މި ޕެނަލްޓީ ދިޔައީ ލިވަޕޫލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗު އެއްވަރުވެގެން ނިމުނުއިރު މިއީ ލިވަޕޫލް އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ. އެ ހަތަރު މެޗުގެ ތެރެއިން ލިވަޕޫލް ވަނީ ދެ މެޗުން ބަލިވެފައެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ހަޑަލްސްފީލްޑްއާއެވެ. ސިޓީ ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.