ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ގްރީންއިން ޓީސީގެ މައްޗަށް ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ އިރު، ގްރީންގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަވީލާ ޖޯސޭ އެލެކްސެންޑްރާއެވެ.

މެޗަށް ނުކުތް އިރު، ޓީސީ އޮތީ މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންވެސް ޕޮއިންޓެއް ގެއްލުވާ ނުލާ ތާވަލުގެ އެއްވަނައިގައެވެ. ގްރީން އޮތީ ހަ މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. މިރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ޓީސީ ބަލިވި ފުރަތަމަ މެޗެވެ. މިރޭގެ މެޗުން މޮޅުވެ ގްރީން ވަނީ ހަތަރުވަނައަށް ޖެހިލާފައެވެ.

މެޗުން ބަލިވި ނަމަވެސް ޓީސީ އޮތީ އަދިވެސް އެއްވަނައިގައެވެ. ހަތް މެޗުން 18 ޕޮއިންޓާއެކު ޓީސީ އެއްވަނައިގައި އޮތް އިރު، ދެވަނަގައި ކްލަބު އީގަލްސް އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި ނިއު އޮތީ ހަ މެޗުން 13 ޕޮއިންޓާއެކުގައެވެ. މި ހަފްތާގެ ފަހު މެޗުގައި ނިއުއިން މާދަމާރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން މޮޅުވެ ތާވަލުގެ ދެވަނައަށް ޖެހިލައި، ޓީސީއާ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްލުމުގެ ފުރުސަތު ނިއުއަށް އެބައޮތެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗު ފެށިގެން ވަރުގަދަކޮށް ކުޅުނީ ޓީސީންނެވެ. އެޓީމުން ރަނގަޅު އެޓޭކްތަކެއްވެސް އުފެއްދިއެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ. އަދި އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައިވެސް ޓީސީން ލީޑު ނެގުމާއި ގާތަށް ޖެހިލިއެވެ. އަހުމަދު ފައްރާހު (ފައްރަ)، ރީތިކޮށް ހުރަސްކޮށްލި ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުހަށް އޮތް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށެވެ. އޭނާގެ ހަމަލާ ދިޔައީ މާމަތިން ބޭރަށެވެ.

މެޗުގައި ގްރީންއިން އުފެއްދި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 29 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ޓީސީގެ ޑިފެންޑަރު ނައްޓާލުމަށްފަހު އޭނާ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ދިޔައީ ތަންކޮޅެއް މަތިން ބޭރަށެވެ. ޓީސީން ފުރަތަމަ ކޮޅުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ހަމަލާތަކުގެ ބޭނުން ހިފިފައިނުވުމުގެ ފައިދާ ގްރީންއިން ނަގަން ފެށިއެވެ. ކައުންޓާ އެޓޭކްގައި ގްރީންއިން ވަނީ ޓީސީގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ 31 ވަނަ މިނެޓުގައި އައްސަދު އަލީ (އަޑުބަރޭ) އަރިމައްޗަށް ނުކުމެ ނަގައިދިން ހުރަސް، އޭރިއާ ތެރެއިން ރޮލެންޑް ރަސެލް ފޮނުވާލި ނަމަވެސް އޭނާއަށް ހުރަހަކަށްވީ ޓީސީ ގޯލްގެ ހުރަސް ދަނޑިއެވެ. އޭގެ ދެ މިނެޓްފަހުން އަނެއްކޮޅުން ޓީސީވެސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ތިރިތިރީން ސައްޓު ނަގައިދިން ބޯޅަ، އަލީ އަޝްފާގު (ދަގަނޑޭ) ކުރިއަށް ފޮނުވާލި ނަމަވެސް ގްރީންގެ ޑިފެންޑަރު ވަނީ ރޮނގުމަތިން ބޯޅަ ބޭރުކޮށްލާފައެވެ.

ޓީސީއަށް ފަހި ފުރުސަތުތަކެއް ލިބި ނިންމާނުލެވިގެން އުޅެނިކޮށް، ޑިފެންޑަރު މުހައްމަދު އަޖުފާނާއި ގޯލްކީޕަރު ކިރަން ކުމާރާ ދެމެދު ވާހަކަ ނުދެއްކިގެން ހެދުނު ގޯހެއްގެ ބޭނުންހިފައި، ގްރީން ލީޑު ނެގިއެވެ. ކިރަންއަށް އަޖުފާން ޖައްސާލި ބޯޅަ އޭނާއަށް ލިބުމުގެ ކުރިން ހޯދާ، ގޯލަށް ވައްދާލީ އަވީލާއެވެ.

ދެވަނަ ހާފަށް ނުކުތް އިރު، ގްރީންއިން ލީޑުގައި އޮތުމުން އެޓީމުން ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް ހާފްގެ ކުރީކޮޅުގައި ގްރީނުން ރަނގަޅަށް ކުޅުނެވެ. ގްރީންއިން ހާފްގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފްގެ ފުރަތަމަ ހަމަލާވެސް އުފެއްދީ ޓީސީންނެވެ. ގްރީންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ދަގަނޑޭ ޖެހި ބޯޅަ މަތަކުރީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހީމް ލަބާނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ ފަހުން ފޭދޫ އިއްބެއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވުނެވެ. ދެވަނަ ހާފްގައި ކުޅެން ނުކުތް އިބްރާހީމް ވަހީދު (އިއްބެ)ގެ ރީތި ބޯޅައަކުން ފޭދޫ އިއްބެއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސ،ް އޭނާ ފޮނުވާލި ބާރު ހަމަލާ ލަބާން ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން މެޗުގެ 58 ވަނަ މިނެޓުގައި ފޭދޫ އިއްބެއަށް ލިބުނު ފުރުސަތު އޭނާއަށް ގޯލަށް ފޮނުވާނުލެވުނީ ރަނގަޅަށް ކޮންޓްރޯލް ނުވެގެންނެވެ.

ޓީސީން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔައެވެ. 64 ވަނަ މިނެޓުގައިވެސް ގްރީން ސަލާމަތް ކޮށްދިނީ ލަބާންއެވެ. އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު ގޯލްކީޕަރު ލަބާން ދިފާއުކޮށް ބޭރުކޮށްލި އިރު، އޭގެ ފަސް މިނެޓްފަހުން ދަގަނޑޭއަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.

ޓީސީން ހަމަލާ އުފައްދަމުން ދަނިކޮށް، ގްރީނުން ލީޑު ފުޅާކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ލަބާންގެ ބާރު ސައްޕެއް ހޯދާ، ޓީސީގެ ޑިފެންޑަރު އަލާ ނަސްރު ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ ފައްރަވެސް ނައްޓާލާ އަވީލާ ބޯޅަ ނިންމާލީ ގޯލްގެ މަތީ ދާގަނޑަށެވެ.

ގްރީންއިން ދެ ގޯލްގެ ލީޑެއްގައި ހަމަޖެހިލިތާ މާ ގިނައިރެއް ނުވެ، މެޗުގެ 80 ވަނަ މިނެޓުގައި ޓީސީން ގޯލެއް ޖެހިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ސޮލާހް ނަގައިދިން ހިލޭ ޖެހުމުން ޓީސީގެ ގޯލް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ޓީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ޕެނެލްޓީއެއްވެސް ލިބުނެވެ. އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފް، ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ފޭދޫ އިއްބެ ފޮނުވާލި ނަމަވެސް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދު ގްރީންގެ ގޯލްކީޕަރު ލަބާން ވަނީ ޕެނެލްޓީ ދިފާއުކޮށްފައެވެ.

މެޗުގެ ނިމެން ދަނިކޮށް އަވީލާއަށް ހެޓްރިކް ފުރިހަމަ ކުރުމަށް ފަހި ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ މަތިން ބޭރަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ މާދަމާ ރޭގައެވެ. އެ މެޗުގައި ނިއު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.