މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ވަރުގަދަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ކްލަބުގެ މާލީ ހާލަތު ގޯސްވެ ކުޅުންތެރިންނަށް މުސާރަ ނުދެވި، ސާފްގެ ބްރޭކަށްފަހު ޕްރެކްޓިސްވެސް ނުކޮށް އޮތް ވިކްޓަރީ މިދިޔަ ހަފްތާގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ހާޒިރުވެފައެއް ނުވެއެވެ.

ވިކްޓާރީން ބުނެފައި ވަނީ އެ މެޗަށް ހާޒިރުވެފައި ނުވަނީ ކްލަބުގެ ބައެއް އެކްޓިވް ބޯޑު މެމްބަރުން މެޗު ކުޅެން ބޭނުން ނުވާތީ ކަމަށެވެ. އުޖޫރައަކާ ނުލާ ނަޒީހު މީގެ ދެ ދުވަސްކުރިން ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވާ އިރު، އޭނާއާއެކު ވިކްޓަރީން ވަނީ ފަރިތަކުރުންތައްވެސް ފަށައިފައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ނިއުވެސް އޮތީ މާލީ ގޮތުން އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފައި ވަނީ ކްލަބުން ފަރިތަކުރަމުންދަނީ ބައެއް ސީނިއާ ކުޅުންތެރިންނާ ނުލާ ކަމަށާއި، މިއަދުގެ މެޗުގެ ފުރަތަމަ 11ގައި އަލީ ފާސިރު (ސެންޓޭ) ނުހިމެނީވެސް އޭނާ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ ކަމަށެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަލާތައް މަދު ކުޅުމެކެވެ. ނިއުއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ހަމަލާތައް އުފެއްދުމުގައި ފެނުނީ ދަށްކޮށެވެ. ފުރަތަމަ ހާފްގައި ނިއުގެ ކުރިއަށް ކުޅޭ އިބްރާހީމް އަތީގަށް ތިން ފުރުސަތެއް ލިބިފައިވާ އިރު، އޭގެ ތެރެއިން ދެ ފުރުސަތެއް މަތަކުރީ ގޯލްކީޕަރު މުހައްމަދު އިމްރާން (އިންމަ)އެވެ.

އަރިމަތިން މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހުރަހަކުން އަތީގަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ. ފުރަތަމަ ހާފްގެ އެންމެ ރަނގަޅު ފުރުސަތު ފެނިގެންދިޔައީ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އޭރިއާ ބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ކަނަށް ދިޔަ ނަމަވެސް ވިކްޓަރީގެ ގޯލްކީޕަރު އިންމަ ވަނީ އެ ބޯޅަ ޕަންޗުކޮށް ބޭރުކޮށްލައިފައެވެ.

މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމުނު އިރު، ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ވިކްޓަރީންނެވެ. އެޓީމުގެ މެދުތެރެއިން ހަމަލާތައް އުފައްދަން މަސައްކަތް ކުރި އިރު، އަހުމަދު ރަޝީދު (އަންމަޑޭ) ވަނީ ފުލުފުލުގައި ދެ ހަމަލާއެއް ގޯލްގެ ތެރެއަށް ވައްދާލާފައެވެ. އެ ދެ ފުރުސަތު ގޯލަށް ފޮނުވާލި އިރުވެސް އަންމަޑޭ އޮތީ އޮފްސައިޑު މަގާމެއްގައެވެ.

ނިއުއިން ދެވަނަ ހާފްގައި ސެންޓޭއާއި އަކުރަމް އަބްދުލްޣަނީ (އަކޫ)ވެސް ކުޅެން ނެރެފައިވާ އިރު، އެޓީމުންވެސް ވަނީ ގޯލް ޖެހުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސެންޓޭ ފޮނުވާލި ދެ ހިލޭ ޖެހުމެއް ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހިލޭ ޖެހުން ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހިލޭ ޖެހުން މަތަކުރީ ގޯލްކީޕަރު އިންމައެވެ.

ދެވަނަ ހާފްގެ 58 ވަނަ މިނެޓުގައި ވިކްޓަރީގެ ބިދޭސީ ފޯވަޑް ސައިމަން ތިބޯ ދިން ބޯޅައަކުން އާދަމް އިޝާން (ސަން)އަށް ލިބުނު ފުރުސަތުގައި އޭނާ ބާރު ބޯޅައެއް ގޯލާ އަމާޒުކޮށްލި ނަމަވެސް، އެ ހަމަލާ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ދިފާއުކުރިއެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން ވިކްޓަރީން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ނިއުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ބޮލުން ދިން ބެކް ޕާސް މާ ބާރުވުމުން ފައިސަލްއަށް ޖެހުނީ ޕަންޗުކޮށް ބޭރުކޮށްލާއެވެ. އެ ބޯޅައިގައި ލިބުނު ކޯނަރުގައި ވިކްޓަރީން ލީޑު ނެގިއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީއަށް ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނިހާނު (ނިހާޓް)އެވެ.

ވިކްޓަރީގެ ގޯލަށްފަހު ނިއުއިން އަވަސް އަރުވާލާ ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ. އެޓޭކްތައް ގިނަ ކޮށްލިއެވެ. ސެންޓޭއަށް ދެ ފުރުސަތެއް ލިބިފައިވާ އިރު، އޭނާގެ ދެ ހަމަލާވެސް ދިޔައީ ބޭރަށެވެ. ހަމްޕުގެ ދެ ހަމަލާއެއް ގޯލްކީޕަރު އިންމަ ދިފާއުކުރި އިރު، މެޗުގެ 76 ވަނަ މިނެޓުގައި ނިއުން ނަތީޖާ ހަމަހަމަކުރިއެވެ.

އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލައިގެން ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީ ކެޕްޓަން ސެންޓޭއެވެ. އޭގެ ފަހުން މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށްވެސް ސެންޓޭއަށް އިތުރު ފުރުސަތެއް ލިބުނެވެ. އެ ހަމަލާ ދިފާއުކުރީވެސް ވިކްޓަރީގެ ގޯލްކީޕަރު އިންމައެވެ.

މެޗު ނިމިގެން ނިއުގެ ބައެއް ކުޅުންތެރިން ވަނީ ރެފްރީގެ ބަސްމަގު ހަޑިކަމަށް ބުނެ ޝަކުވާކޮށްފައެވެ. ހާއްސަކޮށް ނިއުގެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އަކޫއާއި މުހައްމަދު އުމައިރު ވަނީ މެޗު ކޮމިޝަނަރުކައިރީވެސް ރެފްރީއާ ގުޅޭގޮތުން ޝަކުވާ ކޮށްފައެވެ.

މިއަދުގެ މެޗުން އެއްވަރުވެ، ނިއު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ހަތް މެޗުން 14 ޕޮއިންޓް އެޓީމަށް ލިބޭ އިރު، ތިންވަނަގައި އޮތް އީގަލްސްއަށްވެސް 14 ޕޮއިންޓް ލިބިފައި ވަނީ ހަތް މެޗުންނެވެ. ނިއުއަށް ދެވަނަ ލިބެނީ ފައިދާ ގޯލުންނެވެ. މިއަދުގެ މެޗުން މޮޅުވެ ނިއުއަށް ޓީސީއާ ދެ ޕޮއިންޓަށް ފަރަގު ކުޑަކުރަން ފުރުސަތު އޮތް ނަމަވެސް، މިހާރު އަނެއްކާވެސް ޓީސީ އޮތީ ހަތަރު ޕޮއިންޓްގެ ލީޑެއްގައެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ވިކްޓަރީ އޮތީ ހަތް މެޗުން ހަ ޕޮއިންޓާއެކު އަށްވަނައިގައެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރުގައެވެ. އެ މެޗުގައި ވާދަކުރާނީ ބ. ފެހެންދުއާއި ކްލަބު އީގަލްސްއެވެ. އެ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ށ. ފޯކައިދުއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.