ޕްރިމިއަރ ލީގުގައި ރޭ 2-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށް ޗެލްސީން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ފަސްވަނައިގައި ޗެލްސީ މިހާރު އޮތީ 56 ޕޮއިންޓާ އެކުއެވެ. ޕެލެސް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ޗެލްސީން ދެވަނަ ގޯލު ކާމިޔާބުކުރިއިރު މި ގޯލަކީ ޕެލެސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ދެ ގޯލަށްފަހު ވެސް މި މެޗުގައި ޗެލްސީ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ފުދޭވަރަކަށް ހުހަށް ހުރެ ޖިރޫ ފޮނުވާލި ހަމަލާ އެއް ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު ހަޒާޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕެލެސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ޕެލެސް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް ވެންއާން ހޯލްޓެވެ.

ރޭގެ މެޗަކީ ދެ މެޗަށްފަހު ލީގުގައި ޗެލްސީ އަށް ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ޗެލްސީ ވަނީ ބަލިވެފައެވެ.

ރޭގެ މޮޅާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ.

ކިޔުންތެރިންގެ ހިޔާލު