މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ފްރާންސް ފުޓްބޯލް އިން އިއުލާންކޮށްފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިން ނިސްބަތްވަނީ ސްޕެނިޝް ލީގަށެވެ. ޕްރިމިއާ ލީގުގެ 11 ކުޅުތެރިން ހިމެނޭއިރު އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކާއި ފްރެންޗް ލީގުގެ ތިން ކުޅުންތެރިން ހިމެނެއެވެ.

ސްޕެނިޝް ލީގުން ވާދަކުރާ 14 ކުޅުންތެރިން އަށް ކުޅުންތެރިން ނިސްބަތްވަނީ ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ރެއާލް މެޑްރިޑަށެވެ. އެ ކުޅުންތެރިންނަކީ ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި ސާޖިއޯ ރާމޯސް އާއި މާސެލޯ އާއި ރަފޭލް ވަރާން އާއި އިސްކޯ އާއި ލޫކަ މޮޑްރިޗް ގެރެތް ބޭލްގެ އިތުރުން ކަރީމް ބެންޒެމާއެވެ.

ރެއާލްއާ ވާދަވެރި ބާސެލޯނާގެ ތިން ކުޅުންތެރިން ހިމެނޭއިރު، އެ ކުޅުންތެރިންނަކީ މި އެވޯޑު ފަސް ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން އިވާން ރަކިޓިޗްއެވެ. އެތްލެޓިކޯ މެޑްރިޑްގެ ވެސް ތިން ކުޅުންތެރިން މި ލިސްޓުގައި ހިމެނޭއިރު އެ ކުޅުންތެރިންނަކީ އެންޓޮއިން ގްރިޒްމަން އާއި ޑިއޭގޯ ގޮޑީންގެ އިތުރުން ގޯލްކީޕަރު އޮބްލަކްއެވެ.

ޕްރިމިއާ ލީގުގެ 11 ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައީ ލިވަޕޫލްގެ ކުޅުންތެރިންނެވެ. އެއީ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފަމީނޯ އާއި ސަޑިއޯ މާނޭގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާއެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓަރ ސިޓީގެ ދެ ކުޅުންތެރިން ހިމެނޭއިރު، އެ ދެ ކުޅުންތެރިންނަކީ ސާޖިއޯ އަގުއެރޯ އާއި ކެވިން ޑެ ބްރެއިނާއެވެ. އަދި ޗެލްސީގެ ވެސް ދެ ކުޅުންތެރިން ހިމެނޭއިރު އެ ކުޅުންތެރިންނަކީ އެޑެން ހަޒާޑް އާއި އެންގޯލޯ ކަންޓޭއެވެ. މީގެއިތުރުން ޓޮޓެންހަމްގެ ދެ ކުޅުންތެރިންގެ ގޮތުގައި މި ލިސްޓުގައި ހިމެނެނީ ހެރީ ކޭން އާއި ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. މި ލިސްޓުގައި ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑަށް ނިސްބަތްވާ އެންމެ ކުޅުންތެރިއެކެވެ. އެއީ ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕޯލް ޕޮގްބާއެވެ.

އިޓާލިއަން ލީގުން ހިމެނެނީ ޗެމްޕިއަން ޔުވެންޓަސް އަށް ނިސްބަތްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާރިއޯ މަންޒުކިޗްއެވެ. އަދި ފްރެންޗް ލީގުން މި ލިސްޓުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ ވެސް ޕީއެސްޖީގެ ތިން ކުޅުންތެރިންނެވެ. އެއީ ނޭމާ އާއި އެމްބާޕޭގެ އިތުރުން ކަވާނީއެވެ.

މި އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ވެސް ބެލޮންޑިއޯ އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިއަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑް މީގެކުރިން ދެމުން އައީ ފީފާ އާއި ގުޅިގެން ކަމަށްވީ ނަމަވެސް ފީފާ އިން މިހާރު ވަނީ މި އެވޯޑުން ވަކިވެފައެވެ. މިއީ ފްރާންސްގެ ފުޓްބޯޅަ މަޖައްލާއެއް ކަމަށްވާ، ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު