ރެއާލް މެޑްރިޑަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމް އަށް އުފަން ހަޒާޑް ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތްއިރު އާ ކޮންޓްރެކްޓަކާ ގުޅޭގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗެލްސީން ވަނީ ހަޒާޑާއެކު މަޝްވަރާކޮށްފައެވެ. އޭގެފަހުން އަދި މިހާތަނަށް އެކަމާ ގުޅޭގޮތުން ޗެލްސީން ހަޒާޑާއެކު މަޝްވަރާކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމުގެ އިޝާރާތެއް ހަޒާޑްކޮށްފައިވާއިރު، ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ޝައުގުވެރިކަން ހަޒާޑް ވަނީ މީގެކުރިން ވެސް ފާޅުކޮށްފައެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހުގެރޭ ސައުތްހެމްޓަންގެ މައްޗަށް 3-0 އިން ޗެލްސީން ކުރި ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހަޒާޑް ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބު ކަމަށާއި އެ ކްލަބަށް ކުޅުމަކީ ކުޑައިރުއްސުރެން ފެށިގެން ވެސް ދެކެމުން އަންނަ ހުވަފަނެއް ކަމަށެވެ.

"ދޮގެއް ހަދާކަށް އަހަރެން ނެތިން. ރެއާލް އަށް ކުޅުމަކީ ކުޑައިރުއްސުރެން ފެށިގެން ވެސް އަހަރެން ދެކެމުން އަންނަ ހުވަފެނެއް. އެއީ އަހަރެންގެ ހުވަފެނުގައި އަބަދުވެސް އޮންނަ ކްލަބެއް. ބައެއް ފަހަރު ހޭލާއިރު ހިތަށް އަރާ ޗެލްސީ ދޫކޮށްލަންވީއޭ. އަނެއްބައި ފަހަރު ހިތަށްއަރާ މަޑުކުރާނީއޭ ވެސް. އެއީ ވަރަށް އުނދަގޫ ނިންމުމެއް" ހަޒާޑް ބުންޏެވެ.

ރެއާލް އަށް ކުޅުމުގެ ހުވަފެން ހަޒާޑް ދެކެމުން އަންނަ ނަމަވެސް އޭނާ ހުރީ ޗެލްސީގެ ކޮންޓްރެކްޓް ވެސް އާކުރަން ތައްޔާރަށެވެ. އެގޮތުން ކުރިމަގާ ގުޅޭގޮތުން ޗެލްސީއާއެކު ވަރަށް އަވަހަށް ވާހަކަދެއްކޭނެ ކަމަށް ވެސް ހަޒާޑް އުއްމީދު ކުރެއެވެ.

"އަހަރެން ބޭނުންވަނީ އަހަންނަށާއި އަދި ޗެލްސީ އަށް ވެސް އެންމެ ރަނގަޅު ގޮތް. ޗެލްސީން އަހަންނަށް ހުރިހާ އެއްޗެއް ވެސް ދީފި" މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަޒާޑް ބުންޏެވެ.

2012 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް ފްރާންސްގެ ލިލް އިން ޗެލްސީއަށް ބަދަލުވީ ހަޒާޑް ވަނީ އެ ކްލަބާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.