ހެމްބާގްގެ މައްޗަށް 0-6 އިން ކުރި ހޯދާ ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން މިއުނިކުން 20 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 66 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 46 ޕޮއިންޓާ އެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 44 ޕޮއިންޓާ އެކު އޮތީ ބަޔާ ލެވަކޫސަންއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ އަށްވަނަ މިނެޓްގައި ފްރޭންކް ރިބެރީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮބަޓް ލެވެންޑޯސްކީ ވަނީ ބަޔާން އަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ބަޔާންގެ ހަތަރުވަނަ ގޯލު އާރެޔަން ރޮބެން ކާމިޔާބުކޮށްދިން އިރު މެޗުގެ 81 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ރިބެރީއެވެ. އަދި މެޗުގެ 90 ވަނަ މިނެޓްގައި ބަޔާންގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ ލެވެންޑޯސްކީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ރޭގެ މެޗުގައި ލެވެންޑޯސްކީ ކާމިޔާބުކުރި ތިން ގޯލާއެކު ޖަރުމަނު ލީގުގައި އޭނާ ބަޔާން އަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްފަހު ބަޔާން އަދި މެޗަކުން ބަލިވެފައި ނުވާއިރު އެޓީމުން ވަނީ އެންމެފަހުން ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗުން މޮޅުވެފައެވެ.