ލުއިސް ސުއަރޭޒް އާއި ފިލިޕް ކުޓީނިއޯގެ ގޯލުން 0-2 އިން މަލާގާގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 72 ޕޮއިންޓާ އެކުއެވެ. ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ ދެވަނައިގައި 61 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު 57 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ބާސާ އަތުން ރޭ ބަލިވި މަލާގާ އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ.

މަލާގާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. މެސީ ރޭގެ މެޗުގައި ކުޅެފައި ނުވަނީ އޭނާ އަށް ތިންވަނަ ދަރިއަކު އިއްޔެ ލިބުމާ ގުޅިގެންނެވެ.

މެސީ ނެތް ނަމަވެސް ބާސާ އިން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ. އަދި ޑެމްބެލޭ ދިން ޕާހަކުން މެޗުގެ 28 ވަނަ މިނެޓްގައި ކުޓީނިއޯ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ބާސާ އިން ދެވަނަ ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އަލްބާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ މަލާގާގެ ގާސިޔާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ބާސާ އިން ވަނީ މި ހާފުގައި ވެސް މަލާގާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ބާސާ އިން 28 މެޗު ކުޅެފައިވާއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ބާސާ އިން ދެން ބައްދަލުކުރާނީ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ.