ރެއާލް މެޑްރިޑުގެ ކެޕްޓަން ސާރޖިއޯ ރާމޮސް އަކީ މުޅި ދުނިޔޭގެވެސް އެންމެ ނަން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ޑިފެންޑަރެއްގެ ގޮތުގައި އޭނާގެ ހުނަރުވެރިކަމުގެ އިތުރުން ރާމޮސް ދެން އެންމެ މަޝްހޫރުވެފައިވަނީ ދަނޑު މަތިން ފެނިގެންދާ އޭނާގެ ވަރުގަދަ ރުޅިއާއި އޭނާގެ ކެރިއަރުގައި އޭނާ ހޯދާފައިވާ އާދަޔާހިލާފަށް ގިނަ ރަތް އަދި ރީނދޫ ކާޑުތަކުގެ ސަބަބުންނެވެ.

އެހެންނަމަވެސް އެންމެ ފަހުން ރާމޮސް ނޫސްތަކުގެ ފަލަ ސުރުހީ ދަމައިގަތީ މިފަދަ ކަމެއް ކޮށްގެންނެއް ނޫނެވެ. އޭނާގެ ޓީމު ރެއާލް މެޑްރިޑާއި ލަލީގާގެ އެއިބާރ ބައްދަލުކުރި މެޗުގެ ތެރެއިން ކުއްލި ގޮތަކަށް ދަނޑުން ފައިބައިގެން ދިޔުމުންނެވެ. މިކަމުގެ ސަބަބު އެނގިގެންދިޔައީ އޭގެ އެތައް އިރެއް ފަހުން ރެއާލްގެ ކޯޗު އަދި ފްރާންސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޒިނެދީން ޒިދާންގެ ކިބައިންނެވެ.

ރާމޮސް މިގޮތަށް އަމަލުކުރި ކުރުމަށް ޒިދާން ދިނީ ވަރަށް އާދައިގެ ޖަވާބެކެވެ. ޒިދާންގެ ޖަވާބަކީ ރާމޮސް ކުއްލިއަކަށް ދަނޑުން ފައިބައިގެންދިޔައީ އޭނާގެ ގަޔަށް 'ބޮޑުކަމުދެވުމުން' ކަމަށާއި އަދި ފާހަނާކުރުމަށްކަމަށެވެ. ޒިދާން މިގޮތަށް ޖަވާބު ދިނުމުގެ ކުރިން ގިނަ ބަޔަކު ވަނީ ރާމޮސް އޭނާގެ ޓީމު 1-1ން އެއްވަރުވެފައި އޮތް ވަގުތެއްގައި ކުއްލިއަކަށް ދަނޑުން ފައިބައިގެންދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދައިފައެވެ.

ކޮންމެގޮތެއްވިޔަސް އެންމެ ފަހުން މެޗު ނިމިގެންދިޔައީ 2-1ން ރެއާލް މެޗު ކާމިޔާބުކޮށްގެންނެވެ. ރާމޮސް ވަނީ ކޮންމެ ފުޓުބޯޅަ ކުޅުންތެރިޔަކަށްވެސް ކުރިމަތިވެދާނެ މި ހާލަތުން ސަލާމަތްވެ ބަރާބަރު ފަސް މިނެޓް ފަހުން އަލުން ދަނޑަށް އަރައި މެޗު ކުޅެފައެވެ.