ސާފް ޗެމްޕިއަންޝިޕް ތަށްޓާއެކު ރާއްޖޭގެ ޓީމުން ގައުމަށް އުފާވެރިކަމެއް ގެނުވިއެވެ. ކުރިއަށް އޮތް ޖީލަށް އުންމީދެއް ގެނުވިއެވެ. އެތަކެއް އާއިލާއަކަށް ހިނިތުންވުމާ ފަހުރު ގެނުވިއެވެ. އުފާފާޅުކުރުމުގައި ބައިވެރިވި ކޮންމެ އާއިލާއެއްގެ މޫނުމަތިން ފަހުރުވެރިކަން ފެނުނެވެ.

ސަރަހައްދީ ދެވަނަ ރަން މެޑަލް ގައުމަށް ގެނެސްދިން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށްވެސް އެ ކުޅުންތެރިޔެއްގެ އާއިލާއާއި މައިންބަފައިންވެސް މަރުހަބާ ކިޔީ ފަހުރުވެރިކަމާއެކުގައެވެ. އެރުވީ ގައުމީ އިއްޒަތްތެރިއެއްގެ ޝަރަފެވެ.

ތަށްޓާއެކު މާލޭގައި ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ފެނުނު މަންޒަރެކެވެ. މިއީ ދުވަސްކޮޅެއް ކުރީގެ މަންޒަރެއް ނަމަވެސް، މުހިއްމު ވާހަކައަކަށްވުމުން ކޮންމެހެންވެސް ދައްކާލަން ބޭނުންވީއެވެ. ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ މިޑްފީލްޑުން އެންމެ މުހިއްމު ރޯލެއް އަދާކުރި އިބްރާހީމް ވަހީދު (އިއްބެ)ގެ ފަހުރުވެރި ބައްޕަ، ހަސަން ވަހީދުގެ ވާހަކައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހަސަން ވަހީދު މާލެ އައީވެސް ސީދާ އިއްބެގެ އިސްތިގުބާލަށެވެ. ދަރިފުޅު ގައުމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމަށް އެންމެ ގާތުގައި ހުރުމަށެވެ. އުފަލާ ފަހުރާއެކު، ދަރިފުޅުގެ ފޮޓޯ ޖެހި ޓީޝާޓެއްގައި އޭނާ މާފަންނު ޓާފްގައި ހުރިއިރު، އިހުސާސްތަކަކީ ކޮބައިތޯ ބަލާލުން ކޮންމެހެން މުހިއްމުވިއެވެ. ދަރިއެއްގެ ފަރާތުން ގައުމަށް ގެނެސްދިން ރަން މެޑައްޔާއެކު އިއްބެގެ ވާހަކަ ހަސަން ވަހީދު ކިޔައިދެނީ އެންމެ ކުޑައިރުން ފެށިގެންނެވެ.

"އިއްބެއަކީ ކުޑައިރު، ސްކޫލް ދައުރުން ފެށިގެންވެސް ކިޔެވުމަށްވެސް ލޯބިކޮށް، ކިޔެވުމަށްވެސް އޭނާއަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް ގްރޭޑް އެކަކުން ފެށިގެންވެސް އެއްވަނަ ދަރަޖައިން ފާސް ވަމުން ގޮސް، ގްރޭޑް 10 ނިންމާލި އިރުވެސް އެންމެ މަތީ މަގާމު ހޯދި ކުއްޖެއް. ނޮޅިވަރަންފަރު ސްކޫލުން ކުޅިވަރުގެ ދާއިރާއިންވެސް އެންމެ ގިނަ ތަށި ގެނައި އެއް ކުއްޖެކު އިއްބެއަކީ" ހަސަން ވަހީދު އިއްބެގެ ވާހަކަ ފެށިއެވެ.

އިއްބެގެ ފުޓުބޯޅަ ކެރިއަރު ފެށުނީ އުމުރުން ހަތް އަހަރު އުފަން ރަށް، ހދ. ނޮޅިވަރަންފަރުގެ މަގުތަކުންނެވެ. އިއްބެގެ ބައްޕަ، ހުސައިން ވަހީދަކީ މާލެ ދަތުރުކުރާ މީހަކަށްވެފައި، ދަތުރުވަރެއްގައި ގެންގޮސްދިން ބޯޅައެއްގެ އެހީގައި، އިއްބެއަށް ފުޓުބޯޅައިގެ ފުރަތަމަ ސްޓޭޑިއަމްއަކީ ނޮޅިވަރަންފަރުގެ މަގުތަކެވެ. ބޫޓަކަށް ނާރާ، ހުސްފައިގައި އެކުވެރިންނާއެކު ކުޅުނު ޒަމާނުގައިވެސް އިއްބެގެ ހުނަރާމެދު އޭނާގެ ބައްޕަ، ހަސަން ވަހީދު ޝައްކެއް ނުކުރެއެވެ.

"ފުޓުބޯޅަ ކުޅުމަކީ އިއްބެ ވަރަށް ކުރާހިތުން ކުރި ކަމެއް، އޭނާ ގައިގައި ހުނަރުވެސް ހުރި ކަމެއް އެއީ. ސްކޫލުގައި ވެސް ހަމަ ގިނަ މުބާރާތްތަކަކުން ތަށި ހޯދައިފައި އޮންނާނީ. މިހާރުވެސް ގޭގައި ހުންނާނެ އެތައް ބައިވަރު ތަށްޓެއް. އެގޮތަށް އަތޮޅު މުބާރާތުންވެސް ކުޅޭ މެޗުތަކުންވެސް އަބަދުވެސް ވަރަށް މޮޅަށް ކުޅޭނެ. މާލެ ކުޅެން އައުމުގެ ކުރީގައިވެސް ކުޅުދުއްފުށީގައި ކުޅުނު މުބާރާތެއްގައިވެސް ކުޅުދުއްފުއްށީ ކޮރަލް ޓީމަށްވެސް ވަރަށް ރީތި ނަމެއް އޭނާ ހޯދައިދިން،" އިއްބެގެ ބައްޕަ ކިޔައިދިނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މިއަދު މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުޓުބޯޅައިގެ ރޮނގުން ކުރިއަށް ދިޔުމަކީ ހަސަން ވަހީދު އެންމެ ފުރަތަމަ އިއްބެއަށް ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. އެހެން ނަމަވެސް އިއްބެގެ ވިސްނުމަށް ހަސަން ވަހީދު އިންކާރު ނުކޮށް، ދަނޑު މައްޗަށް ދޫކޮށްލީ އުންމީދެއް އޮވެގެންނެވެ. ކުރެވުނު ތަސައްވަރެއްވެސް އޮތީމަ، ގައުމަށް ރީތި ނަން ގެންނާނެ ކަމަށް އަބަދުވެސް ހުވަފެނެއް ދެކޭތީއެވެ.

"އަޅުގަނޑު ހިތުގައި އޮވޭ އިއްބެ ކުޅެން ފެށީއްސުރެވެސް އޭނާ ގައުމަށް ރީތިނަން ހޯދައިދޭނެއޭ. އިއްބެ މާލެއައީ 2013ގައި. ރަށުގެ ސްކޫލް ނިންމާލާފައި ގްރޭޑް 10 ނިންމާލާފައި ގެނައީ ސްކޫލްގެ އެންމެ ރަނގަޅު ނަތީޖާ ލިބުނީމަ، ސީއެޗްއެސްސީއަށް ވެއްދުމުގެ ބޭނުމުގައި. ފޯމް ފުރާ ހުރިހާ ކަމެއްވެސް ނިންމާފަ އަހާލިން އިއްބެ ގާތުން، ބައްޕަ ގަސްދުކުރަނީ 11،12 ހެދުމާއި ކޯސްތަކެއްވެސް ހެދުމަށޭ. އޭނާ އެދުވަހު ބުނި ބައްޕާއޭ އަޅުގަނޑު ބޭނުން ވަނީ ފުޓުބޯޅަ ކުޅޭށޭ، ކުޅިވަރުގެ ގޮތުން ކުރިއަށްދާށޭ. ދެން އެދުވަހު ހިތަށް އެރީ ވަރަށް ދެރަކޮށްނޭ މި ދިމާވީ. އެކަމަކު އެހިސާބުން ކުޑަކޮށް އިސްދަށަށް ޖަހާލާފައި އަމިއްލައަށް ވިސްނާލާފައި ހިތަށް އަރައިފި، ދަރިފުޅަކު މައިންބަފައިން ކައިރީގައި އެދޭ އެދުން އެއީ އެންމެ ރަނގަޅު އެދުމަށްވެސް ވެދާނޭ. އެހެން ގޮތަކަށް އަޅުގަނޑުމެންނާ އެފަދަ ކަމަކާ ނުރުހުންވެ މަގުމައްޗަށް ނުކުންނަން ބޭނުން ނުވާތީ އެ ވިސްނުމުގައި އެކަމަށް ގަބޫލުވީ،" ހަސަން ވަހީދު ބުންޏެވެ.

ދަނޑުމައްޗަށް އިއްބެ ދޫކޮށްލުމުގެ ކުރިން ހަސަން ވަހީދު ދިން އެންމެފަހުގެ ނަސޭހަތެއްވެސް އެބައޮތެވެ. އެއީ އަހުލާގުގެ ވާހަކައެވެ. މިއަދު ގައުމުގެ ރަން ދަރިއަކަށްވުމަށް އިއްބެ ހިފި ހެޔޮ ނަސޭހަތަކީ އޭރު ބައްޕަ ދިން ނަސޭހަތެވެ.

"އެދުވަހު ބުނިން ދަރިފުޅު ވާންޖެހޭނޭ އަހުލާގު ރަނގަޅު މީހަކަށް. ފުޓުބޯޅަ ކުޅުނަސް އަހުލާގާ ނުލާ ނުވާނޭ. އެގޮތުގެ މަތިން 2013 ގައި އޭނާ ފުޓުބޯޅައިގެ މައިދާނަށް ދޫކޮށްލީ،" ހަސަން ވަހީދު ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަނޑުމަތީގައި އަހުލާގު ރަނގަޅު، ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ސިފަ އިއްބެ ކިބައިން ފެންނަ ސަބަބެއް ކަމަށް ބައްޕަ ފާހަގަކުރީ މުޅި އާއިލާގައި ހިނގާ ލެއެވެ. އިއްބެއާއެކު ހަސަން ވަހީދުގެ ނުވަ ދަރިން އެބަތިއްބެއެވެ. ހަތަރު އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިންނެވެ. އޭގެން ކޮންމެ ކުއްޖަކީވެސް އޭނާގެ ބަސްއަހާ، އެއްވެސް ބޭއަދަބީ އެއްޗެއް އޭނާ ކުރިމަތީގައި ނުބުނާ ކުދިން ކަމަށް ހަސަން ވަހީދު އުފަލާއެކު ފާހަގަކުރިއެވެ.

"އެއީ ލިބޭނެ އެއްމެ ބޮޑު އުފާވެރިކަން ކަންނޭގެ ދަރިންގެ ފަރާތުން. މައިންބަފައިން ކުރާ މަސައްކަތުގެ އަގު ދަރިން ވަޒަން ކުރުން. ކޮންމެ ކުއްޖަކީވެސް ރަނގަޅު ވަޒީފާތަކުގައި އުޅޭ ކުދިން. އިއްބެގެ އަހުލާގީ ވާހަކަ ވިދާޅުވީ، އިއްބެއަކީ ރަށުން އައިއިރުވެސް އަހުލާގު ރަނގަޅުކަމުގެ މިސާލެއް،" ހަސަން ވަހީދު ބުންޏެވެ.

ހަސަން ވަހީދުގެ ނަޒަރުގައި ދަނޑު މައްޗަށް އިއްބެ ފައްކާކުރީ ދެވަނަ އެހެން މީހެއް ނޫނެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ. ހަސަން ވަހީދު ބުނީ، އިއްބެ އަތުގައި ހިފާ ދަނޑުމައްޗަށް ނެރުމުގައި ނިޒާމްބެ އަދާކުރި ރޯލަށް ހައްގު ޝުކުރު އޭނާއަށް ދުލުން އަދާވެސް ނުކުރެވޭނެ ކަމަށެވެ.

"ކުޅުންތެރިއެއްގެ ގޮތަށް އިއްބެ ހަރުދަނާ ވެގެން ދިޔައީ ޓީސީގެ ކޯޗު، މުހައްމަދު ނިޒާމްގެ މިންނެއް މަސައްކަތް. ނިޒާމްބެއަށް ޝުކުރު އަދާކުރުމަކީ މިއަދު އަޅުގަނޑަށް އެންމެ ހައްގު ކަންތައް. އަޅުގަނޑުގެ ދަރިފުޅަކީ ނިޒާމްބެ ވަރަށް ލޯބިވާ ކުޅުންތެރިއެއް. އަދި އިއްބެވެސް ނިޒާމްބެއަށް ވަރަށް ގަދަރުކުރޭ. ނިޒާމްބެއާ އިދިކޮޅަށްވެސް އެއްވެސް ބަހެއް އިއްބެ ނުބުނާ ކަމަށް ނިޒާމްބެވެސް ބުނެފައި އެބަހުރި. އެހެންވީމަ މި ބުނަނީ ނިޒާމްބެއަކީ ފުޓުބޯޅައިގައި ކުދިން ތަރުބިއްޔަތު ކުރުމުގެ މިސާލެކޭ. އަދި ފާހަގަކޮށްލަން، އިއްބެ ޓީސީއަށް ދިޔައީ ނިއުގެ ބެންޗުގައި އެއް އަހަރު ދުވަހު ކެތްތެރިކަމާއެކު އިނުމަށްފަހު. އެކަމަކުވެސް ނިޒާމްބެ ގަބޫލުކުރި އިއްބެއަކީ ހަރުދަނާ ކުޅުންތެރިއަކަށް ހެދޭނެ ކަމަށް. އެ އުންމީދުގައި އިއްބެ އަތުހިފައިގެން އެކަން ކޮށްދިނީމަ މިއަދު އިއްބެ ހިއްސާވެގެން ގައުމަށް މިފަދަ ކާމިޔާބީއެއް ލިބުނީ،" ހަސަން ވަހީދުގެ ޝުކުރު ނިޒާމްބެއަށް ބަންޑުން ކޮށްލިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީއާއި އަދި ގައުމީ ޓީމުގެ ކުޅުންތެރިންނާއިއެކު އާއްމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް މާފަންނު ސްޓޭޑިއަމްގައި ބޭއްވި އިވެންޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިއްބެ ކުޅޭ ހުރިހާ މެޗެއް ހަސަން ވަހީދު، އަދި އޭނާގެ މަންމަ ރަޝީދާ ހަސަން ވެސް ބަރާބަރަށް ބަލައެވެ. މާލޭގައި ހުރި ނަމަ، ހަސަން ވަހީދު ދަނޑަށް ވަދެއެވެ. ރަށުގައި ހުއްޓަސް ޓީވީން މެޗު ދައްކާ ކަމަށްވާނަމަ، އެކަމަށްވުރެ ވަކި މުހިއްމުކަމެއް މަންމައާއި ބައްޕައަށް ވެސް ނެތެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ގައުމީ ޓީމުން ކުޅުނު ދެ މެޗުންވެސް ގޯލެއް ނުޖެހި، ގުރުއަތުން ސެމީއަށް ދިޔަ ނަމަވެސް، ސެމީގައި ނޭޕާލާ ކުޅުނު ދުވަހަކީ އިއްބެގެ ކެރިއަރުގައި އެންމެ މުހިއްމު މެޗެވެ. ނޭޕާލް ކޮޅަށް ރާއްޖެއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ އިއްބެއެވެ. ރާއްޖެއަށް ފައިނަލެއްގެ އުންމީދު ގެނެސްދީ، ގްރޫޕް ސްޓޭޖުގެ ހިތްދަތިކަން ހަނދާން ނައްތާލަދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ އިއްބެއެވެ.

ސާފް ސުޒުކީ ކަޕް 2018 ސެމީ ފައިނަލް: ރާއްޖެ އަދި ނޭޕާލް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސެމީގެ މެޗު ވަރަށް ކައިރިން ބަލަމުން ދިޔައީ. ހިތުގައި އޮތް އިހުލާސްތެރިކަމާއެކު، އަސުރު ނަމާދަށްފަހު ކުރެވެން އޮތް ދުއާއެއްވެސް ކުރިން. އެއީ އަޅުގަނޑުގެ ދަރިއެއްގެ ފަރާތުންވެސް ގައުމު ފަހުރުވެރިވާތަން ދެކެން ބޭނުންވާތީ. އުމުރުން 63 އަހަރު މިހާރު، 1970 ވަނަ އަހަރުން ފެށިގެން ސަރުކާރު ވަޒީފާ އަދާކުރަމުންދާ މީހެއް. އެދުވަހުވެސް އިނީ ގައުމީ ރޫހުގައި. ނޭޕާލް މެޗުގައި ފަހު ހަތަރު މިނެޓުގައި އިއްބެ ފަރާތުން އެ ފެނުނު ދެ ގޯލާއެކު ކުރި އަސަރުން ލޮލުން ފެންކަޅިވެގެން ދިޔަ،" ހަސަން ވަހީދަށް އިއްބެގެ ދެ ގޯލާއެކު ކުރެވުނު އިހުސާސް ބުނެދިނެވެ.

އިއްބެއަކީ މިއަދު ހަމައެކަނި ދިވެހި ފުޓުބޯޅައިގެ ތަރިއެއް ނޫނެވެ. ސަރަހައްދީ ފުޓުބޯޅައިގައި ފިޔަޖަހަމުން އަންނަ ޒުވާން މޫނެކެވެ. ގައުމީ ޓީމުގެ މުސްތަގުބަލަށް ނަގާކިޔާނެ މުހިއްމު ނަމެކެވެ. ދިވެހި ފުޓުބޯޅައިގައި ކުރިމަގު އޮތް ޒުވާނެކެވެ.

"ބައްޕައަކީ އަޅުގަނޑުގެ ކެރިއަރުގައި އެންމެ މުހިއްމު އެކަކު. އަބަދުވެސް ކުރާ ކޮންމެ ކަމެއްގައިވެސް ހިތްވަރު ދޭ. ބައްޕަ އެންމެ ބޭނުންވި ކަންތަކަށް ފޮނުވީމަވެސް، އަޅުގަނޑު ބޭނުންވި ކަންތަކޭ ކުރާނީ ބުނީމަވެސް އެކަމަށް ރުހި ގަބޫލުވި. ބޭނުންވި ގޮތަށް ކުރިއަށްދާން އަބަދުވެސް ހިތްވަރު ދިނީ. ޝުކުރު އަދާކުރާނެ ގޮތެއް ނޭނގެ. މި ފަހުރުވެރި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މަންމައާއި ބައްޕަ. އެ ދެ މީހުންނަކީ އަބަދުވެސް އަޅުގަނޑަށްޓަކައި އެންމެ ފަހުރުވެރިވާނެ ދެ މީހުން،" އިއްބެ ކުރުކޮށް، ފޮނިކޮށް، ކާމިޔާބީގައި ބައްޕައާއި މަންމަ ހިއްސާ ބުނެދިނެވެ.

އިއްބެގެ ކާމިޔާބީގެ ސިއްރުތައް މިއީއެވެ. މިއަދު އިއްބެގެ ބައްޕަ، ހަސަން ވަހީދު އޭނާއާ ދޭތެރޭ ފަހުރުވެރި ނުވާންވީ ސަބަބެއް ނެތެވެ. ސަރަހައްދީ ފުޓުބޯޅައިގައި ދިވެހި ދިދަ ރަމްޒުކޮށްދީ، ރާއްޖެއައީ ރަން މެޑައްޔާ އެކުގައެވެ. ޒަމާންތަކަށް ދެމިގެންދާނެ އުފާވެރި ހަނދާންތަކަކާއެކުގައެވެ. އާއިލާ އަދި ގައުމަށް ރީތި ނަމާ ޝަރަފާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ❤️

    އިއްބެ ❤️

  2. ކައުންސެލަރު

    އިއްބެއަށް މަރުހަބާ! އެކަމަކު ތިޔަހަރަ ބޮލެއްކަމަކުނުދޭ. ބޮލަކީ އާންމުގޮތެއްގައި މީހަގެ ޑިސިޕްލިން އަންގައިދޭ އެއްޗެއް.

  3. ހަމީދް

    ހަސަން ވަހީދަކީ ރަނގަޅު މީހެއްނޫން.އޭނަގެ ދަރިއެއް ކައުންސިލްގަ ހުރެގެން ރައްހަލާކު ކުރަނީވެސް.އެކަމް އިއްބެއާ ދެންތިބި ދަރިންނަކީ ރަނގަޅު ބައެއް.