ސަރަހައްދީ ލެވެލްގެ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ޓީމަށް އެތަކެއް ދިވެހީންނެއް މަރުހަބާ ކިޔާފައިވެއެވެ. ޓީމު މާލެ އައި، ސިނަމާލޭ ބްރިޖް ސަރަހައްދަށް އެތަކެއް ހާސް ސަޕޯޓަރުންނެއް އެއްވެ ޓީމަށް ލޯބި ބަންޑުން ކޮށްލި އެވެ. ނަމަވެސް ސުވާލަކީ ކަމާބެހޭ ސަރުކާރުގެ މުއައްސަސާތަކުން އެ ކާމިޔާބީ ފުރިހަމައަށް ބަލައިގަންތޯ ކުރެވޭ ސުވާލެވެ.

ގައުމަށްޓަކައި، ގައުމުގެ ރީތި ނަމާ ޝަރަފަށްޓަކައި ކުޅެ، އެތަކެއް ދުވަހެއްގެ ބުރަ މަސައްކަތުން ރާއްޖެއަށް ގެނެސްދިން ރަން މެޑައްޔަށް ރައްޔިތުން ދިން ލޯތްބާއި އިހުތިރާމް، ގައުމުގެ އެންމެ މަތީ ފަންތީގެ އިދާރާތަކުން ނުދޭ ބުނެވޭނެ އެތައް ސަބަބެއް އެބަހުއްޓެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ ޝަކުވާތަކުންވެސް އެކަން ސާފުވެގެން ހިނގައްޖެއެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިން ވެގެން މުސާރައާއި ބޯނަސްގެ މައްސަލައިގައި ވާހަކަ ދައްކާފައިވާ އިރު، ކުޅުންތެރިން ބުނެފައި ވަނީ މުބާރާތް ކުރިއަށްދިޔަ އިރު، ވިސްނީ ގައުމުގެ ޝަރަފާ ރީތި ނަމަށް ކަމަށެވެ. އޭގެ ފަހުންވެސް މުސާރައިގެ ވާހަކަ ނުދައްކާ ގިނަ ދުވަސްތަކެއްވަންދެން މިހާރު މަޑުކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް، އާއްމު އުސޫލުން ދޭ މުސާރަ ޓީމަށް ނުދޭތާ މިހާރު ތިންމަސް ވެފައިވާ ކަމަށާއި، ބޯނަހުގެ ގޮތުގައިވެސް އަދި އެއްވެސް ފައިސާއެއް ޓީމަށް ލިބިފައިނުވާ ކަމަށް ކުޅުންތެރިން ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުން ރަން މެޑަލް ހޯދުމުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދޭން ޖެހެއެވެ. އެހެން ނަމަވެސް، ޓީމުން ބުނެފައި ވަނީ އެެފަދަ ބޯނަސް ފައިސާއެއްވެސް އަދި ލިބިފައިނުވާ ކަމަށެވެ.

މުސާރަ އަދި ބޯނަސްގެ މައްސަލަތަކާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަގުތު"އަށް ވިދާޅުވެފައި ވަނީ މުސާރައާއި ބޯނަސްގެ އިދާރީ ކަންކަން ނިންމާ، ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މުސާރައިގެ ޑިލޭތަކެއް އަންނަނީ މި ދުވަސްކޮޅަކީ ސަރުކާރުގެ ޓްރާންސިޝަން ދުވަސްކޮޅު ކަމަށްވާތީ ކަމަށާއި، ބޯނަސްގެ ކަންތައްވެސް ޔޫތު މިނިސްޓްރީއާ ވާހަކަ ދެކެވި، ވަރަށް އަވަހަށް ދިނުމަށް މަސައްކަތް ކުރާ ކަމަށްވެސް ޖަވާ ފާހަގަކުރެއްވިއެވެ.

ޖަވާ ވިދާޅުވީ އެފްއޭއެމްއިން ލަފާކުރަނީ ކުޅުންތެރިންގެ މުސާރަ މިއަދު ޖަމާވާނެ ކަމަށް ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަކަށް އެކަންކަން ހަމަޖެހިގެން ދިޔުން ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ހޯދުމުން ލިބޭ ފައިސާގެ 50،000 ޑޮލަރު، ސާފްއިން ލިބުނުހާ އަވަހަކަށް ބޯނަސްގެ ގޮތުގައި ކުޅުންތެރިންނަށް ބަހާނެ ކަމަށްވެސް ޖަވާ ފާހަގަކުރިއެވެ.

ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް ތައްޓާއެކު ރާއްޖެ އައުމުން ވަނީ ހޫހު މަރުހަބާއެއް ކިޔާފައި - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މީގެ ކުރިން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. މުޅި ރާއްޖޭގައި އެއް މަސް ދުވަހަށްވުރެ ގިނަ ދުވަހު އެފަހަރު އުފާފާޅުކުރިއެވެ. މިފަހަރު އެ މަންޒަރުވެސް ނުފެނުނެވެ. ރާއްޖޭއަށް ދެވަނަ ފަހަރަށް ރަން މެޑަލް ގެނެސްދިން ޓީމުގެ ޝަރަފުގައި ކަންތައްތައް ކުރިތަން ފެނިގެންދިޔައީ މަދުންނެވެ. އޭރުގެ ޓީމު އައިސް ރާއްޖެއަށް ފޭބުމާއެކު ކޮންމެ ކުޅުންތެރިޔަކަށް ސަރުކާރުން ދެ ލައްކަ، އަދި ފަހުން އަމިއްލަ ކުންފުނިތަކުންވެސް ކޮންމެ ކުޅުންތެރިޔަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ބޯނަސްއަށް ދީފައިވެއެވެ. މީގެ 10 އަހަރު ކުރިއަށް ބަލާ އިރު، އެއީ ބޮޑު އަދަދެކެވެ.

ގައުމީ ޓީމުތަކުން ނޫނީ ކްލަބުތަކުންވެސް ހޯދާ ކާމިޔާބީތަކަށް ހިތްވަރުދީ، ކުރިއަށް އޮތްތަނުގައި ކާމިޔާބީތަކުރާރު ކުރުވުމަށް ބޭނުންކުރާ އެންމެ ބޮޑު "މޯޓިވޭޝަނަލް ފެކްޓާ"އަކީވެސް ދެވޭ ބޯނަސް ފައިސާ ނުވަތަ، ބޯނަހުގެ ގޮތުގައި ދެވޭ ތަކެއްޗެވެ. އެހެން ކަމަށްވާ އިރު، ޓީމަށް މުސާރައިގެ ދަތިކަން ކުރިމަތިވެ، ޓީމުގެ ރޫހަށް އަސަރުތަކެއް ކޮށްފައިވުން މިއީ ކޮންމެހެން ހައްލުކުރަން ޖެހޭ ކަމެކެވެ. ބޯނަސް ދިނުން ލަސްވި ނަމަވެސް، ރާއްޖޭގެ ފުޓުބޯޅައިގެ މަސްރަހު އޮތް ގޮތުން މުސާރަ ދިނުން ލަސްވުމަކީ ކުޅުންތެރިންގެ ދިރިއުޅުމުގެ އަސާސްތަކަށް އަސަރުކުރާނެ ކަމެކެވެ.

ރާއްޖޭ ލީގުގައި ކުޅޭ ގިނަ ކްލަބުތަކަށްވެސް މާލީ ގޮތުން ދަތިތަކަކާ ކުރިމަތިވެފައިވާ އިރު، މުސާރަ ނުލިބި ގިނަ ކުޅުންތެރިންތަކަކަށް އުނދަގޫ ހާލަތެއް ވަނީ ކުރިމަތިވެފައެވެ. އަންނަ ސީޒަނުން ފެށިގެން އެކަންކަންވެސް ހައްލު ކުރަން އެފްއޭއެމްއިން ހާއްސަ ޕްލޭނެއް އިއުލާން ކޮށްފައިވާ އިރު، ގައުމީ ޓީމުގެ ކުޅުންތެރިންނަށްވެސް މިއަށްވުރެ ފަސޭހަ، އަދި ފަހި ގޮތްތަކެއްވެސް ތަނަވަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޫނިބޭ

    މިކަމުގެ ޒިންމާ ނަގަންޖެހެނީ ކާކުބާ ؟

  2. ފާތިމާ

    ތީ ފުޓްބޯޅަ ކަހަލަ ކުޅޭ ކުޅޭ ކަންތަކަށް ޚަރަދު ނުކޮއްބަލަ....

  3. ދިވެހިން

    ތީދެން މާ މޮޅުތައްޓެއްވެސް ނޫނެއްނު ލައްކަ ލައްކައިންދޭން... ކުޅެނީ ގައުމީރޫހުގަ ގައުމައްޓަކާއޯ.. އެކަމު މުސާރަދޭންޖެހޭ ކާށާއި ބޯށާއި ދޭންޖެހޭ... ބައިރުފިޔާއެއް ނުދިނަސް ދެންހީވާނެ އެހެންފަދަ ކަމެއްހެން... ހުސް ދެއްކުންތެރިން... ޗީޑި.. ދެފައި ކައިރި ކޮއްލަން ނުކެރޭ...