އެކުވެރިކަމުގެ މެޗެއްގައި ރޭ 1-1 އިން ޔުކްރޭންއާ އެއްވަރުވުމުން، މޮޅެއް ނުލިބި އިޓަލީން ފަސްވަނަ މެޗު ނިންމާލަން ޖެހިއްޖެއެވެ.

އިޓަލީގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި އިޓަލީން ވަނީ ޔުކްރޭންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ބާނަޑެސްކީ އާއި ބަރެއްލާ އަދި ބޮނޫޗީ ފޮނުވާލި ހަމަލާތައް ޔުކްރޭންގެ ކީޕަރު ދިފާއުކުރިއިރު އިންސިންޔޭ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 55 ވަނަ މިނެޓްގައި ބާނަޑެސްކީ ވަނީ އިޓަލީ އަށް ލީޑު ނަގާދީފައެވެ. މި ގޯލު ވަދެފައިވަނީ ބާނަޑެސްކީ ޔުކްރޭންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ޔުކްރޭންގެ ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ.

ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި މަލިނޯސްކީ ވަނީ ޔުކްރޭން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި ގޯލަށްފަހު ވެސް ޔުކްރޭނުން ވަނީ އިޓަލީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން މަލިނޯސްކީ ފޮނުވާލި ހިލޭޖެހުމެއް އިޓަލީގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ސްޓެޕަނެންކޯ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ އިޓަލީގެ ޒުވާން ގޯލްކީޕަރު ޑޮނަރުއްމާއެވެ.

އިޓަލީ އަށް މޮޅެއް ނުލިބި ފަސް މެޗު ވެފައިވާއިރު އެޓީމަށް އެންމެފަހުން މޮޅެއް ހޯދިފައިވަނީ މިއަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުއެވެ. އެ މެޗުން އިޓަލީ މޮޅުވީ ސައުދީ އަރަބިއްޔާއާ ބައްދަލުކޮށް 1-2 އިންނެވެ.

އިޓަލީން ދެން އެންމެ އަވަހަށް ކުޅެނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗެކެވެ. އެ މެޗުގައި އެޓީމު ނިކުންނާނީ ޕޮލެންޑާއި ދެކޮޅަށެވެ.