‎ދިރާގު ދިވެހި ޕްރިމިއާލީގުގައި މިއަދު ކުޅުނު މެޗުގައި އަހުމަދު ރިޒުވާން، ރިޒޭ ޖެހި ފަސް ގޯލާއެކު އީގަލްސްއިން ބ. ފެހެންދޫ ބަލިކޮށްފިއެވެ. ‎ގައުމީ ދަނޑުގައި ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ފެހެންދޫ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

‎މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން 17 ޕޮއިންޓް ހޯދައިގެން އީގަލްސްއިން ތާވަލުގެ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން ހަތް މެޗު ކުޅެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. އެޓީމަށް ހަތް މެޗުން ލިބެނީ 14 ޕޮއިންޓެވެ. ‎

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ މެޗު ވަރުގަދަކޮށް ފެށީވެސް އީގަލްސްއިންނެވެ. މެޗުގެ ކުރީކޮޅުގައި އީގަލްސްއިން ލީޑުވެސް ނެގިއެވެ. އަރިމަތިން ހަސަން ރާއިފް، ހަންނަ ނަގައިދިން ހުރަސް އޭރިއާތެރޭގައި ހުސްކޮށް އޮވެ ރިޒޭ ވައްދާލީ ގޯލްގެ މަތީ ކަނަށެވެ. ‎އޭގެ އިރުކޮޅެއްފަހުން ލިބުނު ހިލޭޖެހުމަކުން މުހައްމަދު އާރިފް، ބަކާ ފޮނުވާލި ހަމަލާއިންވެސް އީގަލްސްއިން ނުރައްކާކުރި އިރު، މެޗުގެ އަށްވަނަ މިނެޓްގައި އެޓީމުން ލީޑު ފުޅާ ކުރިއެވެ. ދެވަނަ ގޯލްވެސްކާމިޔާބުކޮށްދިނީ ރިޒޭއެވެ.

‎ކުދި ޕާސްތަކާއެކު އީގަލްސްއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ފުރަތަމަ ހާފްގައި އިތުރު ހަމަލާތައްވެސް އެޓީމުގެ ފަރާތުން ފެނިގެންދިޔައެވެ. އެގޮތުން ހާފް ނިމެންދަނިކޮށް އަނެއްކާވެސް ރިޒޭގެ ދެހަމަލާއެއް ފުލުފުލުގައި ފެނިގެން ދިޔައެވެ. މުހައްމަދު ނާއިމް ދިން ޕާހަށް އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ފުރަތަަމަ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި އޭގެ ދެމިނެޓް ފަހުން އޭނާ ފޮނުވާލި ހަަމަލާ ދިފާއުކުރީ ފެހެންދޫގެ ގޯލް ކީޕަރެވެ. ‎

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެވަނަ ހާފަށް ނުުކުމެވެސް ވަރުގަދައަށް ކުޅުނީ އީގަލްސްއެވެ. ހާފް ފެށިގެން ދެވަނަ މިނެޓުގައި އީގަލްސްއިން ލީޑު އިތުރަށް ފުޅާ ކުރިއެވެ. ރިޒޭ އޭނާގެ ހެޓްރިކު ފުރިހަމަ ކުރީ ޑިފެންޑަރު ކޮމިލޯވް ކުރިއަށް ޖެހި ނަގައިދިން ހުރަހަކުންނެވެ. ‎ލީގުގައި އެންމެފަހުން އީގަލްސްއިން ކުޅުނު ދެ މެޗުގައިވެސް ރިޒޭ ހެޓްރިކް ހަދާފައިވާ އިރު، މިއަދުގެ މެޗުގައި ޖެހި ފަސް ގޯލާއެކު ރިޒޭ ވަނީ މިހާތަނަށް ލީގުގައި 14 ގޯލް ޖަހައިފައެވެ. ‎މެޗުގެ 61 ވަނަ މިނެޓުގައި ރިޒޭގެ ރީތި ނިންމާލުމަކާއެކު އީގަލްސްއިން ހަތަރު ގޯލްގެ ލީޑެއް ނެގިއެވެ. އަދި އޭގެފަހުންވެސް ވަރުގަދައަށް ކުޅެ ހަމަލާތައްވެސް އުފެއްދީ އީގަލްސް އިންނެވެ. އެގޮތުން ސަމޫހު އަދި ރިޒޭގެ ހަމަލާތައް ފާހަގަ ކޮށްލެވުނެވެ.

‎މެޗުގެ 65 ވަނަ މިނެޓުގައި ފެހެންދޫގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައެވެ. އަރިމަތިން ޑިފެންޑަރު ނައްޓާލުމަށްފަހު އަލީ ހާފިޒް ދުރުން ފޮނުވާލި ހަމަލާ ދިޔައީ އީގަލްސްގެ ކެޕްޓަން، ސުޖަން ޕެރޭރާ އަތަށެވެ. ‎މެޗު ނިމެންދަނިކޮށް ރިޒޭ އޭނާގެ ފަސްވަނަ ގޯލް ޖެހިއެވެ. އަދި އީގަލްސްއިން ފަސޭހަ މޮޅަކާއެކު މެޗު ނިންމާލި އިރު، ފެހެންދޫއަށް ވަނީ ރެލިގޭޝަންގެ ބިރު ހީވެފައެވެ. ‎

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާތަނަށް ކުޅުނު އަށް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފެެހެންދޫ އަށް ފުރަތަމަ ބުރުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަވަނައިގައެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫއެވެ.