ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު ނިމުނީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ފުރަތަމަ ދެ ގޯލް ޖަހައިފައި ވަނިކޮށް، ފޯކައިދޫން ގޯލް ޖެހީ މެޗު ނިމެން ދަނިކޮށެވެ.

މިރޭގެ މެޗުން މޮޅުވެ މާޒިޔާއަށް އަށް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ތިންވަނައިގައި އޮތީ ދެވަނައިގައި އޮތް ކްލަބު އީގަލްސްއާ ޕޮއިންޓެއް ތަފާތުކޮށެވެ. އެއްވަނައިގައި ހަތް މެޗުން 18 ޕޮއިންޓާއެކު ޓީސީ އޮތް އިރު، ހަތަރުވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ ހަތް މެޗުން 14 ޕޮއިންޓާއެކުގައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: މާޒިޔާ އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓީމަށްވެސް އެންމެ އެދެވޭޭ ގޮތުގައި އެޓޭކްތައް އުފެއްދިފައެއް ނުވެއެވެ. ގިނަ ވަގުތު މެދުތެރޭގައި ބޯޅަ ގެންގުޅުނު އިރު، މެޗު ހުޅުވިގެން ދިޔައީ 32 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގުމުންނެވެ.

މެދުތެރެއިން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޖުނައިދު (ޖޭންނޭ)، ވަންޓޫ ޕާހަކާއެކު ވަރަށް ރީތިކޮށް ޑިފެންޑަރުވެސް ނައްޓާލުމަށްފަހު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. ފޯކައިދޫގެ ގޯލް ބަލަހައްޓަމުންދިޔަ ޕާކިސްތާނުގެ ސާގިބު ހަނީފަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.

މިރޭގެ މެޗަށް މާޒިޔާއިން ނުކުތީ އަނިޔާގައި ހުރި ޓީމުގެ ތަރި ނާއިޒް ހަސަން (ދާދު)ވެސް ނުލައެވެ. މިދިޔަ ދެ މެޗުގައިވެސް މޮޅަށް ކުޅެ، ގޯލްވެސް ޖެހި ދާދު ނެއްތަން މާޒިޔާގެ އެޓޭކުން ފާހަގަވެސް ކޮށްލެވުނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: މާޒިޔާ އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މާޒިޔާއިން ލީޑު ފުޅާކުރިއެވެ. މެދުތެރެއަށް ޖެހި، ކޯނެލިއަސް ސްޓެވާޓް މަތިން ދުއްވާލި ރީތި ޕާހަކަށް އޭރިއާ ތެރެއަށްވަދެ ގޯލް ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ)އެވެ. އެ ގޯލް ޖެހުމުގައި އާއްކޮގެ ރީތި ކޮންޓްރޯލާއި ހުނަވެރި ނިންމާލުން ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފް 2-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ފޯކައިދޫން ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް އެޓީމުގެ ފަރާތުން އެޓޭކަށް ބޮޑަށް ވިސްނައިގެން ކުޅެން ފެށިއެވެ. ފަހަތަށް ކުޅެމުންދިޔަ ޑިފެންޑަރުންވެސް ކުރިއަށްވުރެ ބޮޑަށް އެޓޭކްގައި ބައިވެރިވެފައިވާ އިރު، މާޒިޔާއިން ބޮޑަށް ބެލީ ކައުންޓާ އެޓޭކް ކުރުމަށެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި ކޯނެލިއަސްއަށް ފަހި ފުރުސަތެއް ލިބިގެންދިޔަ އިރު، ފޯކައިދޫ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ކުޑަ ތަންކޮޅެއް ބޭރަށެވެ. މާޒިޔާއިން ކައުންޓާ އެޓޭކް އުފެއްދުމުގައި އިސްމާއީލް އީސަ (މެސީ)އާއި ކޯނެލިއަސްގެ ރަނގަޅު ކޮމްބިނޭޝަނެއް ފެނުނު ނަމަވެސް، އެޓީމަށް ރަނގަޅު ފުރުސަތެއް ނިންމާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ފޯކައިދޫން ނެގި ކޯނަރެއް މާޒިޔާގެ އޭރިއާ ތެރޭގައި ފެނު ޖެހުނު އިރު، ފޯކައިދޫގެ އަބްދުﷲ މާޖިދަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެ ބޯޅަ އޭނާ ގޯލަށް ފޮނުވާލި ނަމަވެސް، ޑިފެންޑަރު ވަނީ ބްލޮކް ކޮށް ބޭރުކޮށްލާފައެވެ.

އޭގެ ދެ މިނެޓްފަހުން މެޗު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ފޯކައިދޫގެ ޑިފެންޑަރު ކޯނެލިއަސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ކޯނެލިއަސްވެސް ރެފްރީ، އަދި ފައުލް ކުރި ކުޅުންތެރިޔާއަށްވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ދެ ޓީމުގެ ބެންޗުންވެސް ދެބަސްވުންތަކެއް ކުރިއަށް ގޮސްފައިވާ އިރު، ގިނަ ކުޅުންތެރިންތަކެއް ވަނީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިޔަކަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

މާޒިޔާގެ ބެންޗުން، ފޯކައިދޫގެ ޑިފެންޑަރަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ބުނި ނަމަވެސް، ރެފްރީ ނިންމީ ކޯނެލިއަސްއާއި ޑިފެންޑަރަށްވެސް ރީނދޫ ކާޑު ދެއްކުމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: މާޒިޔާ އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފަހު ކޮޅުގައި ފޯކައިދޫން މާޒިޔާގެ ޑިފެންސަށް ނުރައްކާތައް ކުރިއެވެ. ހާއްސަކޮށް މާޒިޔާގެ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ހުރަސްކުރިކަން ފާހަގަކޮށްލެވުނެވެ. މެޗުގެ 87 ވަނަ މިނެޓުގައި ފޯކައިދޫން ގޯލެއް ޖަހައި ނަތީޖާގެ ފަރަގުވެސް ކުޑަކުރިއެވެ.

ފޯކައިދޫގެ ގޯލަކީ އޭރިއާ ތެރެއިން، މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ)، ފޯކައިދޫގެ ހަލުވި ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ)އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީއަކުން ފޯކައިދޫ ކާމިޔާބުކުރި ގޯލެކެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ ފައުލްވެސް ހޯދި އޮގީއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ ނިއުއިން ނުކުންނާނީ ފ. ނިލަންދުއާ ދެކޮޅަށެވެ.