ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިޔާ ރޮލާންޑް ރަސެލް ހެދި ހެޓްރިކާއެކު އެޓީމުން ވިކްޓަރީ ބަލިކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގްރީންއިން ކާމިޔާބު ކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތްއިރުވެސް ވިކްޓަރީ އޮތީ އުދަގޫ ހާލަތެއްގައެވެ. މުސާރައިގެ ގިނަ މަސައްކަތްތަކެއް ޓީމުގައި އުޅޭއިރު، މިއަދުގެ މެޗްގައިވެސް އެތަން ދެއްކި ކަމަށް ޓީމްއަށް އިރުޝާދު ދިން އެސިންޓެންޓް ކޯޗް، އަހުމަދު ނިޔާޒް ވަނީ މެޗަށްފަހު ބުނެފައެވެ.

މިދިޔަ ހަފްތާގައި ވިކްޓަރީން ނިއު ރޭޑިއަންޓާ އެއްވަރު ކުރި ނަމަވެސް، އޭގެކުރީ ހަފްތަގައި އެޓީމުން ޓީސީ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރެއް ނުވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ވިކްޓަރީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ މެޗް އަށް ގްރީން އިން ނެރުނުނު ފުރަތަމަ 11، އޭގެ ކުރީ މެޗުތަކާ ވަރަށް ބޮޑަށް ތަފާތެވެ. ގޯލްކީޕަރު އިބްރާހީމް ލަބާންގެ އިތުރުން ކެޕްޓަން އަޝްހަދު އަލީ އަށްވެސް މިއަދުގެ މެޗުގައި ކޯޗް އަލީ ސުޒޭން ވަނީ ރެސްޓް ދީފައެވެ.

މެޗްގެ 16 ވަނަ މިނެޓްގައި ގްރީން އިން ލީޑް ނެގިއެވެ. ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ގްރީންއަށް ލީޑް ނަގައިދިނީ ރަސެލްއެވެ. އޭގެ ފަހުންވެސް ގްރީންގެ ދެ ހަމަލާއެއް ފުލުފުލުގައި ފެނުނެވެ.

އޭރިޔާ ބޭރުން އަލީ ޔާމިން ފޮނުވާލި ހަމަލާ ގޯލްކީޕަރު އަތަށް ދިޔަ އިރު، އޭގެ ހަތަރު މިނެޓް ފަހުން ޔާމިން ނަގައިދިން ހުރަހުން ރިލްވާން ބޮލުން ފޮނުވާލި ހަމަލާވެސް މަތިކުރީ ވިކްޓަރީގެ ގޯލްކީޕަރު އިމްރާންއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ވިކްޓަރީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ މެޗްގައި ގްރީންގެ ޒުވާން މިޑްފީލްޑަރު ޔާމިން މޮޅަށް ކުޅެފައިވާިއރު، މެޗަށްފަހު ކޯޗްވެސް އެކަން ފާހަގަކޮށްފައިވެއެވެ.

ގްރީންގެ ދެ ވަނަ ގޯލް މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ.ރިލްވާން އަރިމަތިން ނަގައިދިން ހުރަހަކުން ސައްޕޭ ގޯލް ކާމިޔާބުކުރީ ބޮލުންނެވެ.

ގްރީންއިން ދެ ގޯލްގެ ލީޑެއްގައި ހާފް ނިންމާލަން ދިޔަ ނަމަވެސް ފަހަތުން ހެދުނު ގޯހެއްގެ ބޭނުންހިފާ، އަހުމަދު ރަޝީދު، އަންމަޑޭ ވަނީ ވިކްޓރީގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފް ފެށިގެން ގްރީންއިން ކުޅުން ރަނގަޅު ކުރިއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ހާފްގެ ކުރީކޮޅުގައި ބަދަލު ކުޅުމންތެރިޔާ އަވީލާއަށް ލިބުނު ފުރުސަތު ފާހަގަކޮށް ލެވުނެވެ.

އަނެއްކޮޅުން ވިކްޓަރީއަށް މެޗުގެ 57 ވަނަ މިނިޓުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހުމަދު ނާޝިދު (ނައްޓޭ) އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލް މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަސެލްއެވެ. އަވީލާ ޖެހި ބޯޅައެއް ބްލޮކް ވެގެން އޭރިއާތެރެއިން ވިކްޓަރީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުމުން ރަސެލް ވަނީ ފަސޭހަކަމާއެކު ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. އޭގެ އަށް މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ރަސެލް ވަނީ ތިން ވަނަ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ވިކްޓަރީ އަދި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ގޯލަކީ ގިނަ ޕާސްތަކަކާއެކު ގްރީންއިން އުފެއްދި ހަމަލާއެއްގައި ރަސެލް ޖެހި ގޯލެކެވެ.

މިއަދުގެ މޮޅާއެކު ގްރީން ސްޓްރީޓްސް ވަނީ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ގްރީންއިން ކުޅުނު އަށް މެޗުން 16 ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް މާޒިޔާ އަށްވެސް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފައެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ފ. ނިލަންދޫ ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.