ޗެމްޕިއަންސް ލީގުގައި މި މަހުގެ ތިންވަނަ ދުވަހުގެރޭ ޕީއެސްޖީ އާއި ސާބިޔާގެ ރެޑްސްޓާ ބެލްގްރޭޑް ބައްދަލުކުރި މެޗުގައި މެޗު ފިކްސިންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި ހިމެނޭ ޕީއެސްޖީ އެ މެޗު ކާމިޔާބުކޮށްފައިވަނީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގައި ޕީއެސްޖީގެ ފޯވާޑް ނޭމާ ހެޓްރިކެއް ހެދިއިރު އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އާއި ކިލިއަން އެމްބާޕޭގެ އިތުރުން އެންހެލް ޑިމަރިޔާއެވެ.

ފްރާންސްގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ލެކުއިޕޭ އިން ރިޕޯޓުކޮށްފައިވާ ގޮތުން އެގައުމުގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުން ތަހުގީގު ކުރަމުންދަނީ ފަސް ގޯލުގެ ތަފާތަކުން ބަލިވުމަށް ޝަރުތުކޮށް ބެލްގްރޭޑްގެ އޮފިޝަލަކު ފަސް މިލިއަން ޔޫރޯގެ ބެޓެއް އެޓީމުގެ ކުޅުންތެރިންނަށް ކޮށްފައިވާ މައްސަލައެކެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އޮފިޝަލް ވަނީ ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ އާއި ވެސް ރަސްމީކޮށް ބައްދަލުކުރުމަށް ރާވާފައެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ފްރާންސްގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުގެ ސަމާލުކަމަށް މިކަން ގެނެސްފައިވަނީ ޔުއެފާ އިންނެވެ. އެގޮތުން ޔުއެފާ އިން ވަނީ މި މެޗު ކުޅުމުގެ ކުރިން އެ އޮފީހުގެ ސަމާލުކަމަށް މިކަން ގެނެސްފައި ކަމަށްވެސް ލެކުއިޕޭ އިން ރިޕޯޓުކޮށްފައިވެއެވެ.

ފްރާންސްގެ ނޭޝަނަލް ފައިނޭންސް ޕްރޮސެކިއުޓަރ އޮފީހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަން ބޭރުގެ ބޮޑެތި މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މެޗު ފިކްސިންގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާއިރު ރެޑްސްޓާ ބެލްގްރޭޑުން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެއިތުރުން ޕީއެސްޖީން ވެސް ވަނީ މިކަމުގައި ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެފައެވެ.