ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ކްރޮއޭޝިއާގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކްރޮއޭޝިއާ އިން ކުޅުނު މެޗެއް ފެށުމުގެކުރިން ކުޅިވަރުގެ ރޫހާ ހިލާފު ނިޝާނެއް އެޓީމުގެ ސަޕޯޓަރުން ދަނޑު މަތީގައި ކުރެހި މައްސަލައިގައި ޔުއެފާ އިން ކްރޮއޭޝިއާ އަށް ދީފައިވާ އަދަބެއްގެ ސަބަބުންނެވެ.

ސަޕޯޓަރުން ނުވައްދާ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މި މެޗުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވަނީ އިންގްލޭންޑަށެވެ. އެގޮތުން އިންގްލޭންޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް އަށް ހުސް ދެ ފުރުސަތެއް ލިބިފައިވާއިރު އޭނާ ފޮނުވާލި އެ ދެ ހަމަލާވެސް ދިފާއުކުރީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗްއެވެ. މީގެއިތުރުން ޑަޔާ އާއި ހެރީ ކޭން ބޮލުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

މި މެޗުގައި ގޯލެއް ކާމިޔާބުކުރަން ކްރޮއޭޝިއާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ކްރަމަރިޗް އަށެވެ. ނަމަވެސް އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ އިންގްލޭންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގެ ދެވަނައިގައެވެ. މި ގްރޫޕްގެ ފުލުގައި އޮތް ކްރޮއޭޝިއާ އަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު އިންގްލޭންޑަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުންނެވެ. ގްރޫޕްގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު އޮތީ ސްޕެއިންއެވެ.

މުބާރާތުގައި އިންގްލޭންޑް ދެން ބައްދަލުކުރާނީ ސްޕެއިންއާއެވެ. ސްޕެއިންގެ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ ކަމަށްވާއިރު، އިންގްލޭންޑްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ސްޕެއިންއެވެ.