އެފްރިކަޕް ކަޕް އޮފް ނޭޝަންސްގައި ރޭ މިސްރުން ކުޅުނު މެޗުގައި އެޓީމަށް ކުޅެމުން އަންނަ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިސްރުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ބުނެފިއެވެ.

މިސްރު ރޭ މޮޅުވީ ސްވާޒިލޭންޑް އަތުން 1-4 އިން ކަމަށްވާއިރު، މި މެޗުގައި ސަލާހު އަށް ވަނީ ގޯލެއް ވެސް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މިސްެރަށް ލިބުނު ކޯނަރެއް ސީދާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަލާހު ވަނީ ދަނޑުން ބާލާފައެވެ.

މެޗަށްފަހު މިސްރު ޓީމުގެ އެސިސްޓެންޓް ކޯޗު ހާނީ ރަމްޒީ ބުނީ އަނިޔާވެފައިވަނީ ސަލާހުގެ ފައިގެ ފަލަމަސްގަނޑަށް ކަމަށާއި އަނިޔާގެ ކުޑަބޮޑުމިން އިނގޭނީ އިތުރު ޓެސްޓުތައް ހެދުމުން ކަމަށެވެ.

"އަހަންނަކަށް ހީއެއް ނުވޭ މިއީ ސީރިއަސް އަނިޔާއެއް ހެނެއް" ރަމްޒީ ބުންޏެވެ.

ލިވަޕޫލަށް މިދިޔަ ސީޒަނުގައި 44 ގޯލު ސަލާހު ކާމިޔާބުކޮށްދިންއިރު މި ސީޒަނުގައި ލިވަޕޫލް އިން ކުޅުނު މިހާތަނަށް ކުޅުނު 11 މެޗުގައި ސަލާހު އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ގޯލެވެ.

ރޭގެ މެޗުން ލިބުނު މޮޅަކާއެކު މިސްރު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޖޭގެ އެއްވަނައިގައެވެ.