ފްރާންސްގެ މޮނާކޯގެ ކޯޗަކަށް އެ ކްލަބުގެ ކުރީގެ ފޯވާޑް ތިއެރީ އޮންރީ ހަމަޖައްސައިފިއެވެ.

މޮނާކޯގެ ކޯޗަކަށް އޮންރީ ހަމަޖައްސާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މޮނާކޯގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ލިއޮނާޑޯ ޖާޑިމް މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. ފްރެންޗް ލީގުގައި ނުވަ މެޗު ކުޅެ ނިމުނުއިރު މޮނާކޯ އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

މޮނާކޯގެ ކޯޗުކަމާ ހަވާލުވުމަށްފަހު އޮންރީ ބުނީ މޮނާކޯ އަކީ އޭނަ އަށް ވަރަށް ހާއްސަ ކްލަބެއް ކަމަށާއި މިފަދަ ފުރުސަތެއް ދިނީތީ ކްލަބުގެ އިސްވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މޮނާކޯ އިން ކަނޑައަޅާފައިވާ ޓާގެޓުތަކަށް ވާސިލުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް އޮންރީ ބުންޏެވެ.

"ވަރަށް އުފާވެއްޖެ އަލުން އެނބުރި މޮނާކޯ އަށް އާދެވުނީމަ. ކްލަބުގެ ކުޅުންތެރިންނާއި ބައްދަލުކޮށް، އެ ކުޅުންތެރިންނާއި އެކީ މަސައްކަތް ކުރަން އަހަރެން މިހުރީ ކެތްމަދުވެފައި" އޮންރީ ބުންޏެވެ.

ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި މީގެކުރިން ހުރި އޮންރީ އޭނާގެ ސީނިއާ ކެރިއަރު ފެށީ މޮނާކޯ އިންނެވެ. މޮނާކޯ އަށް 141 މެޗު ކުޅެދީ 28 ގޯލު ކާމިޔާބުކޮށްދީފައިވާ އޮންރީ ވަނީ 1997 ވަނަ އަހަރު މޮނާކޯ އާއެކު ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އޮންރީ ވަނީ މޮނާކޯގެ އިތުރުން އާސެނަލް އާއި ބާސެލޯނާ އަށް ވެސް ކުޅެފައެވެ. މިއީ އޮންރީ ކްލަބެއްގެ ކޯޗުކަން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.