ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ތިމަރަފުށި ސްޕޯޓްސްއާ ބައްދަލުކުރި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު 21 ޕޮއިންޓާ އެކު ޓީސީ އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 17 ޕޮއިންޓާ އެކު އޮތީ ނިއުރޭޑިއަންޓެވެ. މިއަދު ޓީސީ އަތުން ބަލިވި ތިމަރަފުށި އޮތީ އެންމެ ޕޮއިންޓަކާ އެކު ލީގުގެ ފުލުގައެވެ.

ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ މިނެޓްގައި މުހައްމަދު އަޖުފާން ވަނީ އެޓީމަށް ލީޑު ނަގާފައެވެ. އަދި މެޗުގެ 11 ވަނަ މިނެޓްގައި އިބްރާހިމް ވަހީދު ޓީސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ވަނީ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޓީސީން ވަނީ ތަނަވަސްކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓީސީން ނިންމާލިއިރު މެޗުގެ 55 ވަނަ މިނެޓްގައި އަލާއެލްޑިން ވަނީ ޓީސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ޓީސީގެ ހަތަރުވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން އިރު އޭގެ އަށް މިނެޓްފަހުން އެޓީމުގެ ފަސްވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އިޝާންއެވެ. އަދި ޓީސީގެ ހަވަނަ ގޯލާއި ހަތްވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ އަށް ދެ ގޯލު ކާމިޔާބުކޮށްދިން އިޝާންއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރުއެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފެހެންދޫއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިލަންދޫ

    މަ ހިތަށް އަރާ ކީއްވެބާއޭ ނިލަންދޫ ކުޅޭ މެޗު ވަގުތުން ނުގެނެސްދެނީ

    • ނިލަންދޫ

      އެއީ ބޭކާރު ކަމަށްވީމަ، ކުޅެވޭ ޓީމެއް ނަމަ ރަނގަޅުދޯ ގެނަސްދެން، ނުކުޅޭވޭއިރު ކޮބާ ބޭނުމަކީ

      • ނިލަންދޫ

        ނުކުޅެވޭތީ ތާ ނިއު އަށް ނިލަންދޫ ކޮޅަށް އެންމެ ލަނޑެއް ޖެހުނީ

        • ސެންޓޭ

          އަހަރުމެން ގިނަ ގޯލް ނުޖެހީ