ޔުއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލޭންޑްސް އިން ޖަރުމަނުގެ މައްޗަށް 3-0 އިން ކުރި ހޯދައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު މި ނަތީޖާއާއެކު ޖަރުމަނު އޮތީ ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް އެކެއްގެ ފުލުގައެވެ. މި ގްރޫޕްގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ނެދަލޭންޑްސް އޮތްއިރު ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ފްރާންސްއެވެ.

ނެދަލޭންޑްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި ވެންޑައިކް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޖަރުމަނުގެ ތޯމަސް މުލާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތް ވަނީ ނުވެފައެވެ. މީގެއިތުރުން ދެވަނަ ހާފްގައި ސާނޭ އަށް ވެސް ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ނެދަލޭންޑްސްގެ ދެވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެމްފިސް ޑެޕާއިއެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވައިނަލްޑަމް ވަނީ ނެދަލޭންޑްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ރޭގެ މެޗުން ނެދަލޭންޑްސް މޮޅުވިއިރު މިއީ ތިން ގޯލުގެ ތަފާތަކުން ޖަރުމަނުގެ މައްޗަށް ނެދަލޭންޑްސް އިން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ޖަރުމަނު ރޭގެ މެޗުން ބަލިވިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު އެޓީމު މޮޅުވީ ވާދަވެރި އެންމެ މެޗަކުންނެވެ. މީގެއިތުރުން އެންމެފަހުން ޖަރުމަނުން ކުޅުނު ތިން މެޗުގައި ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ޖަރުމަނު ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.