ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އޭނާ އަކީ ލީޑަރެއް ނޫން ކަމަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ.

ބާސާ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވީ ނަމަވެސް މެސީ އަށް އާޖެންޓީނާގެ ގައުމީ ޓީމާއެކު މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ ހަތަރު ފައިނަލެއްގައި ކުޅުނު ނަމަވެސް އެ ހަތަރު ފައިނަލުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

އަދި 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުން ބަލިވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވެސް މެސީ ނިންމިއެވެ. ނަމަވެސް ފަހުން އެ ނިންމުން އޭނާ ވަނީ އަނބުރާ ގެނެސްފައެވެ.

ބާސާގައި ދައްކާފަދަ މޮޅު ކުޅުމެއް މެސީ އަށް އާޖެންޓީނާގައި ނުދެއްކޭ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މަރަޑޯނާ ބުނީ އަސްލު މެސީ ފެނިގެންދަނީ ބާސާ އަށް ކުޅޭއިރު ކަމަށާއި އާޖެންޓީނާ އަށް ކުޅޭއިރު ފެނިގެންދަނީ މުޅިން ތަފާތު މެސީ އެއް ކަމަށެވެ.

"މެސީ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އެއީ ލީޑަރެއް ނޫން. މެޗެއްގެ ކުރިން 20 ފަހަރު ފާހާނާއަށްދާ މީހެއްގެ ފަރާތުން ލީޑަރޝިޕް ނެރުމަކީ ބޭކާރު ކަމެއް" މަރަޑޯނާ ބުންޏެވެ.

މިދިޔަ ޖުލައި މަހު ރަޝިޔާގައި ނިމުނު ވޯލްޑް ކަޕަށްފަހު މެސީ ގައުމީ ޓީމާއި ދުރުގައި މިވަގުތު ހުރިއިރު މަރަޑޯނާ ވަނީ ގައުމީ ޓީމުން "ބްރޭކެއް" ނެގުމަކީ މެސީ ނިންމި ރަނގަޅު ނިންމުމެއް ކަމަށް ބުނެފައެވެ.

އާޖެންޓީނާ އިން އެންމެފަހުން އެކުލަވާލި ދެ ސްކޮޑަށް ވެސް މެސީ ނަގާފައިނުވާއިރު އެ ދެ މެޗުން ވެސް އާޖެންޓީނާ ވަނީ މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެސީ

    ޓީމް ފައިނަލަށް ދިއުމަކީވެސް ކާމިޔާބެއް.. ވާގޮތަކީ މެރެޑޯނާއަށްވުރެ މެސީ މޮޅުވެފާ މަސްހޫރު ވީމާ މެރެޑޯނާގެ ނަން ފަނޑު ވާތީ އެކަމާ ކަންތައް ބޮޑުވަނީ....

  2. ހުސޭނުބޭ

    މަރަޑޯނާއަށް އެބަ އިނގޭ މެސީ ކޮންމެ މެޗެއްގެ ކުރިން 20 ފަހަރު ފާޚާނާއަށް ދާކަން. ކީއްތަ ވާނީ ކަލޭގެ ޚަރަދުގައި މެސީއަށް ބޮނބި އުނގުރިއެއް ފޮނުވިއްޔާ!