މެންޗެސްޓަރ ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަތައް ހަމަޔަކަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ އެޅުވޭނެ ކަމަށް ޔުނައިޓެޑް ކުރިން ކުޅުނު ރަޔަން ގިގްސް ބުނެފިއެވެ.

މިދިޔަ ސީޒަން ޔުނައިޓެޑުން ހުސްއަތާ ނިންމާލިއިރު މި ސީޒަން ވެސް އެ ކްލަބުން ފެށީ ވަރަށް ދަށްކޮށެވެ. އެގޮތުން ލީގުގައި މިހާތަނަށް އަށް މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. މީގެއިތުރުން ޔުނައިޓެޑް ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޑާބީ ކައުންޓީއާ ބައްދަލުކޮށް އިނގިރޭސި ލީގު ކަޕުން ވެސް ކަޓާފައެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުގެ ކޯޗު މޮރީނިއޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު ގިގްސް ބުނީ ޔުނައިޓެޑްގައި ހުރި މޮޅު ކޯޗެއް ކަމަށާއި އަދި އެ ކްލަބުގައި މޮޅެތި ކުޅުންތެރިން ވެސް ތިބި ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިއީ ޔުނައިޓެޑަށް ވަރަށް ޗެލެންޖިން ވަގުތެއް ކަމަށް ގިގްސް ބުންޏެވެ.

"ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ޔުނައިޓެޑުގައި އެބަހުރި. އެކަންކަން މޮރީނިއޯ އަށް ހަމަޔަކަށް އެޅުވޭނެ. އޭނާ އަކީ މޮޅު ކޯޗެއް" ވޭލްސްގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރި ގިގްސް ބުންޏެވެ.

ލީގުގައި އެންމެފަހުން ނިއުކާސަލް ޔުނައިޓެޑް އަތުން އުނދަގޫތަކަކަށްފަހު 2-3 އިން ޔުނައިޓެޑް މޮޅުވިއިރު، އެއީ ހަތަރު މެޗަށްފަހު ޔުނައިޓެޑަށް ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ޗެލްސީއައެވެ.