ސާފް ސުޒުކީ ކަޕް ދިވެހި ރާއްޖެ އިން ކާމިޔާބު ކުރުމާއި ގުޅިގެން އެޓީމުގެ އައްޑޫ އަށް ނިސްބަތްވާ ދެކުޅުންތެރިން އަދި ތަށްޓާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

މިދިޔަ މަހު ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ ގައި ކުރިޔަށް ދިޔަ ސާފް ސުޒުކީ ކަޕް ރާއްޖެ އިން ކާމިޔާބު ކުރީ އޭޝިޔާ ފުޓުބޯޅައިގެ ގަދަ ބާރު ކަމަށްވާ އިންޑިއާ، 1-2 ގެ ނަތީޖާ އަކުން ބަލި ކުރުމަށް ފަހުގައެވެ.

މި ޓީމުގައި އައްޑޫ އަށް ނިސްބަތްވާ ދެ ކުޅުންތެރިން ހިމެނޭ އިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ދެ ކުޅުންތެރިން ވެސް ވަނީ ތައްޓާއި އެކު އައްޑޫ އަށް އައިސްފައެވެ. ޗެމްޕިއަން ޓީމުގައި ހިމެނޭ މުހައްމަދު އާރިފް(ބަކާ) އަދި އިބްރާހިމް މަހުދީ(ހަބޭސް އިއްބެ) އަކީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފައިވާ ދެ ކުޅުންތެރިންނެވެ. ހަބޭސް އިއްބެ ފައިނަލް މެޗުގައި ލަނޑެއް ކާމިޔާބު ކޮށްފައި ވާއިރު ބަކާ އަކީ މި ޓީމުގައި ސާފް ޗެމްޕިއަންޝިޕް ދެފަހަރު ކާމިޔާބު ކުރި ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ހަބޭސް އިއްބެ އާއެކު ސާފް ޗެމްޕިއަންޝިޕް ތައްޓާއި އެކު ފޮޓޯ ނެގުން މިއަދު ހަވީރު ސ.ފޭދު ސްކޫލުގައި އޮންނާނެއެވެ. އަދި ބަކާ އާއެކު ޗެމްޕިއަން ޓްރޮފީ އާއި އެކު ފޮޓޯ ނެގުން އޮންނާނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް ސ.ހިތަދޫ ސްކޫލުގައެވެ.

އާއްމުންނަށް ފޮޓޯ ނަގަން ހުޅުވާލާފައި ވާއިރު ހުރިހާ ބޭފުޅުން ވެސް ގައުމީ ޓީމު ރަމްޒު ކޮށްދޭ ފަދަ ރަތް ކުލައިގެ ހެދުމެއް ލައިގެން ދިޔުމަކީ މި އިވެންޓް އިންތިޒާމު ކުރާ ފަރާތް ތަކުގެ ވަރަށް ބޮޑު އެދުމެކެވެ.