ޔުއެފާ ނޭޝަންސް ލީގުގައި ރޭ 2-3 އިން ސްޕެއިންގެ މައްޗަށް ކުރި ހޯދާ އިންގްލޭންޑުން ތާރީހީ މޮޅެއް ހޯދައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގެ ދެވަނައިގައެވެ. އެއްވަނައިގައި ހަ ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު ގްރޫޕްގެ ފުލުގައި މި ދެ ޓީމަށް ވުރެ އެއް މެޗުން މަދުންކުޅެ އެންމެ ޕޮއިންޓަކާ އެކު އޮތީ ކްރޮއޭޝިޔާއެވެ.

ސްޕެއިންގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑުން މޮޅު ކުޅުމެއް ދެއްކިއިރު ރަޝްފޯޑް ދިން ރީތި ޕާހަކުން މެޗުގެ 16 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. ކޭން ދިން ޕާހަކުން މެޗުގެ 29 ވަނަ މިނެޓްގައި އިންގްލޭންޑްގެ ދެވަނަ ގޯލު ރަޝްފޯޑް ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓާލިން ވަނީ އިންގްލޭންޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ސްޕެއިން ސިއްސުވާލާފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު ދެވަނަ ހާފްގައި ސްޕެއިން އިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕަކޯ އަލްސެސާ ވަނީ މެޗުގެ 58 ވަނަ މިނެޓްގައި ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ސްޕެއިން ވަނީ އިންގްލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެސެންސިއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އޮލޮންސޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ސްޕެއިނުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ރޭގެ މެޗުން ސްޕެއިން ބަލިވިއިރު މިއީ 2003 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ކުޅެ އެޓީމު ވާދަވެރި މެޗަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މިއީ 1987 ވަނަ އަހަރަށްފަހު ސްޕެއިންގައި ކުޅެ އެޓީމުގެ މައްޗަށް އިންގްލޭންޑަށް ކުރި ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.