ސައުދީ އަރަބިއްޔާގެ ބާރުގަދަ ޑިފެންސް މިނިސްޓަރު އަދި ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް މެންޗެސްޓަރ ޔުނައިޓެޑް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ޔުނައިޓެޑްގެ އޯނަރުންގެ ގޮތުގައި މިވަގުތު ތިބީ އެމެރިކާ އަށް ނިސްބަތްވާ ގްލޭޒާ އާއިލާ އިން ކަމަށްވާއިރު ޔުނައިޓެޑްގެ އަގު ތިން ބިލިއަން ޕައުންޑަށް ވުރެ ވެސް މަތިއެވެ. ޔުނައިޓެޑްގެ އޯނަރުކަމާ ގްލޭޒާ އާއިލާ އިން ހަވާލުވީ 2005 ވަނަ އަހަރުއެވެ.

ޔުނައިޓެޑް ވިއްކާލުމުގެ ވިސްނުމެއް ގްލޭޒާ އާއިލާ އިން ނުގެންގުޅޭ ކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކުރާއިރު، "ސްކައި ސްޕޯޓްސް" އިން ރިޕޯޓުކުރާ ގޮތުގައި ޔުނައިޓެޑް ވިއްކާލުމާ މެދު ގްލޭޒާ އާއިލާއިން ކިރިޔާ ވެސް ވިސްނާނީ އެންމެ ކުޑަމިނުން ހަތަރު ބިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހެޅުމުންނެވެ.

ޕްރިންސް މުހައްމަދަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅަކަށްވާއިރު ޔޫރަޕްގެ ބޮޑު ފުޓްބޯޅަ ކްލަބަކަށް އިންވެސްޓު ކުރުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމަށްވެސް "ސްކައި ސްޕޯޓްސް" ރިޕޯޓުކޮށްފައިވެއެވެ.

ޕްރިންސް މުހައްމަދު މިފަދަ ވިސްނުމެއް ގެންގުޅޭއިރު ސައުދީ އަރަބިއްޔާއާ އަވަށްޓެރި ގައުމުތަކުގެ މަހުޖަނުން އަންނަނީ ޔޫރަޕްގެ ބޮޑެތި ފުޓްބޯޅަ ކްލަބުތަކުގެ އޯނަރުންގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑާއި ވާދަވެރި މެންޗެސްޓަރ ސިޓީގެ އޯނަރަކީ އަބޫދާބީ އަށް އުފަން ޝައިހް މަންސޫރެވެ. އަދި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީގެ އޯނަރުކަން ކުރަމުން އަންނަނީ ގަތަރުގެ ކުންފުންޏެއް ކަމަށްވާ، ގަތަރު ސްޕޯޓްސް އިންވެސްޓްމެންޓުންނެވެ.

ޕްރިންސް މުހައްމަދަށް ޔުނައިޓެޑް ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެއިތުރުން އަންނަ އަންގާރަ ދުވަހު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް އިންވެސްޓްމެންޓް ކޮންފަރެންސްގައި ބައިވެރިވުމަށް ޔުނައިޓެޑްގެ ކޯ ޗެއާމަން އަވްރަމް ގްލޭޒާ ސައުދީ އަށް ދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.