ގައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ޕޮލިސް ކްލަބާއި ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު ދަތުރުކޮށްފިއެވެ.

މި އަހަރުގެ ގައުމީ ވޮލީ މުބާރާތުގައި އަންހެން ތިން ޓީމު ވާދަކޮށްފައިވާ އިރު، ފޮނަދޫން ފައިނަލް ޔަގީން ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ކްލަބު ވެމްކޯ ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެވެށީ ކޯޓުގައި ކުޅުނު ސެމީ ފައިނަލު މެޗުން ފޮނަދޫ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 29-31 އިން ފޮނަދޫ ގެންދިޔަ އިރު، ދެވަނަ ސެޓު ފޮނަދޫން ގެންދިޔައީ 25-16 އިންނެވެ.

ދެވަނަ ސެޓާއި ފުރަތަމަ ސެޓުގައިވެސް ފޮނަދޫން މޮޅު ކުޅުމެއް ފެނުނު އިރު، ތިންވަނަ ސެޓުގައި ވެމްކޯއިން ހިތްވަރާއެކު ކުޅުނުކަން ފާހަގަކޮށްލެވުނެވެ. އެގޮތުން އެޓީމުން ވަނީ 16-25އިން އެ ސެޓު ގެންގޮސް ހަތަރުވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ.

ތިންވަނަ ސެޓުގައި ވެމްކޯއިން މޮޅަށް ކުޅުނު ނަމަވެސް ހަތަރުވަނަ ސެޓުގައި އެޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ސެޓު 25-20 އިން ކާމިޔާބުކޮށް ފޮނަދޫއިން ފައިނަލް ޔަގީންކުރިއެވެ.

އިއްޔެގެ މެޗުގައި ފޮނަދޫ ޓީމުގެ އައިޝަތު މާޖިދާއާއި ޖޫޒާން ޒަރީރު ފަދަ ކުޅުންތެރިން ފާހަގަކޮށްލެވުނެވެ.

ލީގު ބުރު ނިމުނު އިރު، ޕޮލިސް ކްލަބުން ފައިނަލްގެ ޖާގަ ޔަގީންކޮށްފައިވާ އިރު، މާދަމާ ރޭ ފޮނަދޫން ފައިނަލްގައި ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. ލީގު ބުރުގައި ފޮނަދޫއާއި ޕޮލިސް ވާދަކުރި މެޗު ކާމިޔާބުކުރީ ޕޮލިހެވެ.